ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި، އޭނާގެ ދަރިކަނބަލުންގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑީއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ކުރި ހުކުމަށް ނުފޫޒު ފޯރުވިކަން ހާމަވީ މި މައްސަލަ ބެލުމުގައި ޕްރެޝަރުތަކެއް އައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރަކު އިއުތިރާފްވާ އޯޑިއޯރިކޯޑިންއެއް އާންމުވުމާ ގުޅިގެންނެވެ. އެ ފަނޑިޔާރަކީ ނަވާޒްގެ މައްސަލަ ވެސް ބެއްލެވި ފަނޑިޔާރެވެ.

މި ރެކޯޑިންގެ ސަބަބުން ޕާކިސްތާނުގައި ކޯޅުން ބޮޑުވެ، އަނެއްކާވެސް އެ ގައުމުގެ ކޯޓުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އެ އޯޑިއޯ ކްލިޕްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ސާޤިބް ނިސާރު ވިދާޅުވީ ކުރުކޮށް ދަންނަވާ ނަމަ، ހުކުމްތައް އިއްވަނީ މުއައްސަސާތަކުން ކަމަށެވެ.

"އިންސްޓިޓިއުޝަންސް" ގެ މާނައަކީ އެ ގައުމުގައި ފަންނީ ގޮތުން މަދަނީ ސަރުކާރަކުން ވެރިކަން ކުރި ނަމަވެސް، ޕާކިސްތާނުގައި ސިޔާސީ ކަންކަމުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޮންނަ އަސްކަރިއްޔާގެ މާނައެވެ.

ކޮރަޕްޝަނުގެ ކުށުގައި ޝަރީފު 10 އަހަރަށް ޖަލަށް ލުމަށާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2018 ވަނަ އަހަރުއެވެ.

ނިސާރުގެ މައްޗަށް އެ ތުހުމަތު ކުރެވުމާ ގުޅިގެން އޭނާ ވިދާޅުވީ އޯޑިއޯ ރިކޯޑިންއަކީ ފޭކެއް ކަމަށެވެ.

 

"އެއީ ހަދައިގެން އުޅޭ އެއްޗެއް. އަޅުގަނޑު އެއްވެސް އިރެއްގައި މިކަމުގައި އެއްވެސް ބޭފުޅަކާ ވާހަކައެއް ނުދައްކާ. މިއީ އަޅުގަނޑާ ދެކޮޅަށް ހިންގާ ކެމްޕޭނެއް،" އޭނާ ވިދާޅުވިއެވެ.