ތުރުކީގެ ސެންޓްރަލް ބޭންކުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުގެ ފައިސާ "ލީރާ" ގެ އަގު ވަރަށް ބޮޑަށް ދަށް ވެއްޖެއެވެ.

މިވަގުތު ފައިސާގެ އަގު ހުރީ އެމެރިކާ ޑޮލަރަކަށް 12.77 ލީރާއެވެ. މީގެ ދެތިން ދުވަސް ކުރިން ހުރީ ޑޮލަރަކަށް 12.85 ގެ ރޭޓުގައެވެ. މިހާރު ލީރާގެ އަގު ވަނީ 4.1 އިންސައްތަ ދަށަށް ގޮސްފައެެވެ.

ލީރާގެ އަގު ކުުއްލިއަކަށް ދަށަށް ގޮސްފައިވަނީ އެގައުމުގެ ރައީސްގެ ރަޖަބް ތައްޔިބު އުރުދުޣާން ދެއްކެވި ވާހަކަތަކަށް ފަހުއެވެ. ތުރުކީގެ ރައީސް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، އިންޓްރެސްޓް ރޭޓް ބޮޑުކުރުން ނުވަތަ މިމައްސަލައާ މެދު އެއްވެސް އިރެއްގައި ކޮމްޕްރޮމައިޒް ކުރުން ދިފާއު ނުކުރައްވާނޭ ކަމަށެވެ.

އުރުދުޣާން ވަނީ އިންޓްރެސްޓް ރޭޓް ކުޑަވާހަކަ ފެށުނީއްސުރެ ދައްކަވާފައެވެ. އަދި މިހާރަށްވުރެ އިންޓެރެސްޓް ރޭޓް ދަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ތުރުކީ ލީރާގެ އަގު ވަނީ 40 އިންސައްތައަށް ވެއްޓިފައެވެ. ލީރާގެ އަގު ކުއްލިއަކަށް ވެއްޓިފައިވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކުން ބޭންކްތަކުގެ އިންޓްރެސްޓް ރޭޓް 15 އިންސައްތައަށް ދަށްކުރުމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެެއެވެ.

"އިންޓްރެސްޓް ރޭޓް ބޮޑުކުރުމުގެ ދިފާއުގައި އަޅުގަނޑު އެއްވެސް އިރެއްގައި ވާހަކައެއް ނުދައްކަން، ދެން ވެސް ނުދައްކާނަން. އަޅުގަނޑު ދުވަހަކުވެސް މިމައްސަލައަށް އެއްބަހެއް ނުވާނަން"

އުރުދުޣާންގެ ޕްރެޝަރުގެ ސަބަބުން މަރުކަޒީ ބޭންކުން ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން 400 އަސާސް ޕޮއިންޓް 15 އިންސައްތައަށް ދަށްކޮށްފައެވެ. އިކޮނޮމިސްޓުން ވަނީ މި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާނެ ކަމުގެ އިންޒާރު ދީފައެވެ.

އުރުދުޣާން ވިދާޅުވީ ދާދިފަހުން އެކްސްޗޭންޖް ރޭޓްގެ "ހަލަބޮލިކަން" ބިނާވެފައި އޮތީ އިގްތިސާދީ އަސާސްތަކުގެ މައްޗަށް ނޫން ކަމަށެވެ. ތުރުކީގެ އިގްތިސާދަށް އަންނަ ލޮޅުންތަކުން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުތަކާ ހެދި ސަރުކާރުން ވަނީ މިދިޔަ ދެ އަހަރު ތެރޭ މަރުކަޒީ ބޭންކުގެ ގަވަރުނަރު ތިން ފަހަރަށް ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުން ތުރުކީއަށް ކުރާ އިތުބާރު ވަނީ ކުޑަވެފައެވެ.