ކޮވިޑް-19ގެ އިތުރު ރާޅެއް އަރައި އެނދުމަތި ކުރާ މީހުންގެ ތެރެއިން ކުޑަ ކުދިން އިތުރު ވުމަކީ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ދެކުނު އެފްރިކާގެ ސިއްހީ މާހިރަކު ވިދާޅުވެއްޖެއެވެ.

ދެކުނު އެފްރިކާއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު، ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު މިހާރު ފައްސިވަމުން އަންނަނީ އެގައުމުން އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓަށެވެ.

ދެކުނު އެފްރިކާގެ ވަކި ސަރަހައްދެއް ކަމަށްވާ ޝްވާންގެ ގައި ބަލި ޖެހިގެން ގިނަ އަދަދެއްގެ ކުޑަ ކދުިން އެނދުމަތި ކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ ކުޑަކުދިންނަށް ބަލި ޖެހުމުން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކުޑަކުދިން ކޮވިޑަށް ފައްސިވެ އެނދުމަތި ކުރި ނަމަވެސް ބަލީގެ ސަބަބުން އެކުދިންގެ ސިއްހީ ހާލަތު ދެރަ ނުވާ ކަމަށާއި އަލާމާތްތައް ބޮޑު ނޫން ކަމަށް ބުނެ އެގައުމުގެ ސިއްހީ އޮފިޝަލް ބުނެފައިވަނީ އެއީ ހާސްވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއެންޓް ފެނުނު ކަމަށް ބުނި ނަމަވެސް، އެގައުމަށް ދަތުރު ކޮށްފައި ނުވާ ބަޔަކު ވެސް އެހެން ގައުމުތަކުން އޮމިކްރޮން ވޭރިއެންޓަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނި އޮމިކްރޮން ވޭރިއެންޓް ފެތުރުމާއި ގުޅިގެން ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފައެވެ.

އޮމިކްރޮން ވޭރިންޓް ދުނިޔެގޭ ގިނަ ގައުމުތަކުން ފެނުނު ނަމަވެސް މި ބަލީގައި އެއްވެސް މީހަކު ނިޔާވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.