އަވައްޓެރި އިންޑިއާއިން ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންގެ އިތުރު ވޭދަނައެއް ފެނިއްޖެއެވެ. މިއާއެކު އިންޑިއާއިން ފެނުނު މި ވައްތަރުގެ ކޮވިޑްގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.
އެ ވޭރިއެންޓަށް ފައްސިވެފައި ވަނީ ޒިމްބާބުވޭއިން އެނބުރި އައި މީހެކެވެ. އޭނާ ހުރީ ގުޖުރާތުގެ ޖަމްނަގަރުގައެވެ.
އުމުރުން 72 އަހަރުގެ މީހާ ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިތުރު ތަހްލީލުތަކުން އެނގުނުގޮތުގައި، އޭނާއަށް ޖެހިފައި ވަނީ އޮމިކްރޮން ވޭރިއެންޓެވެ.
މިހާރު އެ މީހާ އެކަހެރިކޮށްފައިވާއިރު، އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮންގެ ދެ ވޭދަނައަކީ އުމުރުން 66 އަހަރާއި 46 އަހަރުގެ ފިރިހެނެކެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އުމުރުން 66 އަހަރުގެ މީހާއަކީ ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ ބިދޭސީއެކެވެ. އަދި 46 އަހަރުގެ މީހާއަކީ ބެންގަލޫރޫގައި ޑޮކްޓަރެކެވެ. އޭނާއަކީ އެއްވެސް ތާކަށް ދަތުރުކޮށްފައި ނުވާ މީހެކެވެ.
އެ ގައުމުން ކޮވިޑްގެ އާ ވައްތަރު ފެނުމާއެކު ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުތަކުގެ ކަންކަން ވަރަށް ގާތުން ވަނީ ބަލަން ފަށައިފައެވެ