ތައިލެންޑުގެ ޝިއަންގ ރާއީގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ ވައިލްޑް ބޯރ ފުޓުބޯޅަ ޓީމުގު، ބާކީ ތިބި މެންބަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް، ގަދަ ވިއްސާރައިގެ ސަބަބުން ހުރަސް އެޅިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިއްޔެ، ހޮހޮޅައިގައި ތިބި ހަތަރު ކުއްޖަކު ސަލާމަތްކުރުމަށްފަހު، އިތުރު ކުދިންތަކެއް ސަލާމަތްކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށަން، ކުރިން ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ތައިލެންޑުގެ އުތުރުގެ ސަރަޙައްދުތަކަށް މިހާރުވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ހަތަރު ކުދިން ސަލާމަތްކުރުމަށް ފަހު، ރޭ އޮޕަރޭޝަން މެެދުކަނޑާލާފައިވަނީ ހޮހޮޅައިގެ ތެރެއަށް ދާ ޑައިވަރުންނަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތަކަށް އަލުން އޮކްސިޖަން އަޅައި، މަސައްކަތް ފެށުމަށް އިތުރަށް ވަގުތު ބޭނުންވާތީއެވެ. އަދި، އެކަމަށް 10 ގަޑިއިރާއި 20 ގަޑިއިރާ ދޭތެރޭގެ ވަގުތު ބޭނުންވާކަމަށް، އޮޕަރޭޝަނުގެ ކޮމާންޑަރު ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، މެދު ނުކެނޑި ވާރޭ ވެހެމުންދާކަމުގައިވާނަމަ، ހޮހޮޅަ ތެރޭގެ ކަންތައްތައް އިތުރަށް ގޯސްވެ، މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ. ހަމައެހެންމެ، ކަންތައްތައް މެދުކަނޑާލާފައި ބޭއްވުމަށް ވަގުތެއްވެސް ނެތްކަމަށް، ސަރަޙައްދުގެ ގަވަރުނަރު، ރޭ ބުނެފައިވެއެވެ.

"އަހަރެމެންނަށް އޮތީ ދެ ދައްޗެއް. އެއީ ފެނާއި ވަގުތު." ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ގަވަރުނަރު ނަރޮންސަކް ބުނެފައިވެއެވެ.

ދަތިތަކެއް ކުރިމަތިވަމުންދިޔަކަމުގައިވިޔަސް، އަދި އިއްޔެވެސް ދަތިތަކެއް ކުރިމަތިވިކަމުގައިވިޔަސް، އޮޕަރޭޝަން އިއްޔެ ނިންމާލެވިފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކަމަށްވެސް ގަވަރުނަރު ބުނެފައިވެއެވެ. އަދި، ހޮހޮޅައިގެ ތެރެއަށް ވަނުމުގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ހޭދަވާނެކަމަށް އަންދާޒާ ކުރި ވަގުތަށްވުރެ ކުޑަ ވަގުތެއް، އަސްލު މަސައްކަތަށް ހޭދަވިކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް މައުލޫމާތު ލިބޭ ގޮތުގައި ހޮހޮޅައިން ނެރެގެން ގެންދިޔަ ކުދިންގެ ޞިއްޙީ ޙާލަތުވެސް ރަނގަޅެވެ. އެކުދިންނަށް ފަރުވާ ދެމުން އަންނަނީ ޝިއަންގ ރާއީ ސަރަޙައްދުގެ ހޮސްޕިޓަލަކުންނެވެ.