އަފްޣާނިސްތާނުގައި އަންހެނުންނާއި މަޖުބޫރުން ކައިވެނިކުރުން މަނާކުރާ ގަރާރެއް ތާލިބާނުން ނެރެފިއެވެ.

އިއްޔެ މި ގަރާރު އިއުލާން ކޮށްފައިވަނީ ތާލިބާން ޖަމާއަތުގެ ވެރިޔާ ހިބަތުﷲ އަހުންޒާދާއެވެ. އެ ގަރާރުގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުން ވެސް ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އަންހެނަކަށް ކައިވެނިކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އެގައުމުގައި ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުން ބުނީ، އަންހެނުންނަކީ "މިލްކެއް" ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ކައިވެނިކުރާއިރު އަންހެން ކުއްޖާގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ.

ތާލިބާނުން އާ ގަރާރެއް ނެރެފައިިވާއިރު، ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރެއް އެ ގަރާރުގައި ފާހަގަ ކޮށްފައެއް ނުވެއެވެ. މީގެ ކުރިން އޮންނަ ގޮތުންނަމަ، އަފްޣާނިސްތާނުގައި ކައިވެނި ކުރެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

އަދި ހުވަފަތްވެފައި ތިބޭ އަންހެނުންނަށް ފިރިމީހާ މަރުވާތާ 17 ހަފްތާ ފަހުން، އަންހެން މީހާއަށް މިނިވަންކަމާއެކު އާ ބައިވެރިޔަކު އިހްތިޔާރުކޮށް އަލުން ކައިވެނިކުރުމުގެ ހުއްދަ މިހާރު ނެރެފައިވާ ގަރާރުގެ ދަށުން ލިބިދެއެވެ.

އަފްޣާނިސްތާނުގައި މީގެ ކުރިން ކަންތައް ކުރާގޮތަކީ ފިރިމީހާ މަރުވުމުން ފިރިމީހާގެ އެއްބަނޑު އެއްބަފާ ނުވަތަ ގާތްތިމާގެ މީހަކާ ކައިވެނި ކުރުނީއެވެ. މިއީ އެގައުމުގެ ސަގާފީ ގޮތެކެވެ.

ތާލިބާން ޖަމާއަތުން ވަނީ އަންހެނުންނާ މެދު އިންސާފުވެރިކޮށް ކަންތައް ކުރުމަށް އަފްޣާނިސްތާނުގެ ކޯޓުތަކަށް އަމުރުކޮށްފައެވެ.

ނަމަވެސް، އޮގަސްޓް މަހުގެ މެދުތެރޭގައި ވެރިކަމަށް އައި ތާލިބާން ޖަމާއަތުން އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެންކުދިންނަށް ތައުލީމު ހާސިލްކުރުމުގެ މަގުތައް ތަނަވަސްކޮށް، ވަޒީފާއަދާ ކުރުމުގެ ފުރުސަތު ދޭނެކަމާއިމެދު އަފްޣާނިސްތާނުގެ އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރިއިރު، ތިމާގެ ފިރިހެނަކާއި އެކުގައި ނޫން ގޮތަކަށް އަންހެނުންނަށް ގެއިން ބޭރަށްދިއުން މަނާކޮށް، އަންހެން ކުދިންނަށް މުޅި މޫނާއި ބޮލު އިސްތަށިގަނޑު ނިވައިކުރަން މަޖުބޫރު ކުރިއެވެ. އަދި އަންހެން ކުދިންނަށް ތައުލީމު ލިބުމަށް ހުރަސް އަޅާ، ފިރިހެނުންނަށް ތުނބުޅި ދިގުކުރަން މަޖުބޫރުކޮށް، މިއުޒިކް ކުޅުން މަނާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ތާލިބާން ވަރެތް ނެތް ހަމަ

    4
    3
  2. Anonymous

    ނޫނޭ ގަދަކަަމުން ތިކަންވެސް ކުރަންވާނީ ވަލު ޖަނަވާރުތަކަށް އިނގޭނީ ހުރިހާކަމެއްވެސް ގަދަކަމުން ކުރަން

    2
    2