ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1،215 މީހަކު މަރުވެއްޖެއެވެ.

ކޮވިޑްގެ ފަހުގެ މައުލޫމާތު އާއްމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރަޝިއާއިން އިތުރު 1،215 މީހަކު މަރުވެ ޖުމްލަ މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 280,072 އަށް އަރާފައެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު ފަސް ވަނަ އަށް އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ. އެގައުމުން މިދިޔަ މަހު އެކަނިވެސް ޖުމްލަ 74,893 މީހަކު މި ބަލީގައި މަރުވި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިއީ އެއްމަސް ދުވަހުގެ ތެރޭގައި އެގައުމުން އެންމެ ގިނަ މީހުންގެ މަރުވި މަހެވެ.

ރަޝިއާއިން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ފަހަކަށް އައިސް 1000 އިން މަތީގައި އުޅޭއިރު، ފައްސިވާ މީހުންގެ އަދަދު ވެސް އުޅެނީ 30،000 އިން މަތީގައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އިތުރު 32,974 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 9,769,011 އަށް އަރާފައެވެ.

އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 8,471,813 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 1,017,126 މީހެކެވެ. އޭގެ ތެރެއިން 2300 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް އެގައުމުގެ ސަރުކާރުން ބުނާއިރު، މި އަދަދު މައްޗަށް ވެސް ތިރިއަށް ވެސް ނުދާތީ އެގައުމުގެ ރައްޔިތުން ވަނީ ސަރުކާރުން އެއަދަދު ފޮރުވާ ކަމަށް ތުހުމަތު ކޮށްފައެވެ.