ކޮވިޑް-19 އިން ދިފާއުވުމަށް އެތައް މިލިއަން މީހުންނަށް ވެކްސިން ޖަހައި، މިބަލަމަޑުކަމުން އަރައިގަނެވިދާނެހެން ހީވެފައި ވަނިކޮށް ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ ވޭރިއަންޓް އޮމިކްރޮންގެ ސަބަބުން މިވަނީ ބިރުވެރިކަން އިތުރުވެފައެވެ. ކޮވިޑުން ސަލާމަތްވުމަށް ދެއަހަރު ވަންދެން ކުރި މަސައްކަތް އަނެއްކާވެސް ސުމަކުން ފަށަން ޖެހިދާނެކަމުގެ ބިރާއި ކަންބޮޑުވުން މިހާރު އެބައޮތެވެ.

އޮމިކްރޮން ވޭރިއަންޓްގެ ހުރިހާ މައުލޫމާތެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ކަށަވަރުވެފައިވާ ބައެއް މައުލޫމާތު މިލިޔުމުގައި ހިމަނާލާނަމެވެ.

އޮމިކްރޮން ފަސޭހައިން ފެތުރޭތަ؟

ދެކުނު އެފްރިކާ އިން ފުރަތަމަ އޮމިކްރޮން ފެނި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައި ފަހުން އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދެކުނު އެފްރިކާ އިން ނޮވެމްބަރ 26 ވަނަ ދުވަހު ފައްސިވީ 3400 މީހުންނެވެ. ނަމަވެސް ޑިސެމްބަރ މަހުގެ 01 ވަނަ ދުވަހު ފައްސިވި މީހުންގެ އަދަދު 8561 އަށް އަރައެވެ. އަދި މިމަހުގެ 04 ވަނަ ދުވަހު 16000 މީހުން ފައްސިވިއެވެ. ދެކުނު އެފްރިކާގައި ކޮވިޑް އިތުރުވަމުންދާ އަދަދަށް ބަލާއިރު ވެސް ކަށަވަރު ކަމާއިއެކު ސައިންސްވެރިން ބުނަނީ އޮމިކްރޮން ފެތުރުން އެހެން ވޭރިއަންޓްތަކާއި އަޅައި ބަލާއިރު އަވަސް ކަމެވެ.

މިހާރު ލަފާކުރެވޭ ގޮތުގައި އޮމިކްރޮން ވޭރިއަންޓް ޖެހޭ ކޮންމެ މީހެއްގެ ގައިން އިތުރު ތިން މީހުންނާއި ހަމީހުންނާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލި ފެތުރެއެވެ.

އިނގިރޭސިވިލާތުގައި ޑެލްޓަރ ވޭރިއަންޓް ފެތުރުނުއިރު ފައްސިވާ މީހުންގެ އަދަދު ދެގުނަވާން ފަސް ދުވަސް ނެގިއެވެ. ނަމަވެސް މިހާރު ދެދުވަސް ތެރޭގައި ފައްސިވާ މީހުންގެ އަދަދު ދެގުނަ ވަމުން އެބަދެއެވެ.

މިހުރިހާ މައުލޫމާތައް ބަލާއިރު އޮމިކްރޮން ފެތުރުން އަވަސް ވެފައި ހަލުވިކަން އެނގެއެވެ.

އޮމިކްރޮން ވެކްސިނަށް ގުޑާނެތަ؟

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އޮމިކްރޮން ޖެހޭކަން މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ވެކްސިންގެ އަސަރު އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންނަށް އެއްވެސް ވަރަކަށް ނުކުރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. "ވެކްސިންގެ އަސަރު އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންނަށް ކުރާ މިންވަރު ދަށް ވެދާނެ. ނަމަވެސް އެއްވެސް ވަރަކަށް ވެކްސިންގެ އަސަރު ނުކުރާ ވަރު ވެދާނެ ކަމަކަށް ލަފައެއް ނުކުރެވޭ." އިނގިރޭސިވިލާތުގެ ސައިންސްވެރިއެއް ކަމަށްވާ ސައިމަން ކްލާކް ވިދާޅުވިއެވެ.

ނުރައްކާ އޮތީ ކޮންބަޔަކަށް؟

އޮމިކްރޮން ވޭރިއަންޓް ޖެހުމުން ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑީ ކޮންބަޔަކަށްކަން އަދި ކަށަވަރު ކަމާއިއެކު ބުނަން ދައްޗެވެ. ނަމަވެސް ގިނަ ސައިންސްވެރިން ބުނާ ގޮތުގައި އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާ ވެސް އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ މީހުންނަށެވެ.

މީހުން މަރުވާ ނިސްބަތް އިތުރުތަ؟

އޮމިކްރޮން ވޭރިއަންޓަށް ފައްސިވި މީހުންގެ ތެރެއިން އެއްވެސް މީހަކު މަރުވި ކަމަކަށް އަދި ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އޮމިކްރޮން އަށް ފައްސިވާ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މިންވަރު އިތުރު ކަމަކަށް ވެސް އަދި ކަށަވަރު ރިޕޯޓެއް ނެތެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި އޮމިކްރޮން ފެތުރޭ މިންވަރު އަވަސްވެއްޖެނަމަ ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑެވެ. އެއީ ހަމައެކަނި އޮމިކްރޮން ނުރައްކާ ވެގެން ނޫން ކަމަށާއި އެއީ ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަވެ އޯވަލޯޑް ވެގެން ދިމާވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އޮމިކްރޮން ވޭރިއަންޓުން ސަލާމަތް ވުމަށް ވެސް ކުރެވެން ހުރީ ވަރަށް އާދައިގެ ކަންކަމެވެ. އެއީ ގިނަގިނައިން އަތް ދޮވުމާއި ރަނގަޅަށް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، ބައްދަލުކުރާ މީހުންގެ އަދަދު ވީހައިވެސް މަދުކުރުމެވެ.

މައުލޫމާތު: ގާޑިއަން ނޫސް

ކިޔުންތެރިންގެ ހިޔާލު