ރަޝިއާއިން ކޮވިޑް-19 ގެ އާ ވޭރިއެންޓް، "އޮމިކްރޮން" ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް ރަޝިއާއިން އޮމިކްރޮންގެ ދެ ވޭދަނައެއް ފެނިފައިވެއެވެ. އެ ދެ މީހުންނަކީ ދެކުނު އެފްރިކާއިން ރަޝިއާއަށް ދަތުރުކުރި މީހުންނެވެ.

އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމަށް ރައީސް ވްލަޑިމިއަރ ޕޫޓިން މިދިޔަ ހަފްތާގައި ސަރުކާރަށް އަމުރު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަށީގެންވާ ވަރަށް ބޭހާއި، އޮކްސިޖެންއާއި، ހޮސްޕިޓަލުގެ އެނދުތައް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓް އެ ގައުމުގައި ފެތުރުނަ ނުދިނުމަށްޓަކައި މިދިޔަ މަހު ރަޝިއާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބްވޭ، މޮޒަމްބީކް، މަޑަގަސްކަރަ، ސްވާޒިލޭންޑް އަދި ޓެންޒޭނިއާގެ އިތުރުން ހޮންކޮންގްގެ ފްލައިޓްތައް ބޭއްވުން މަނާކޮށްފައެވެ.

މީގެ އިތުރުން، ދެކުނު އެފްރިކާއިން ނުވަތަ އަވަށްޓެރި ގައުމުތަކުން އެނބުރި ގައުމަށް އަންނަ ރަޝިއާގެ ރައްޔިތުން ވެސް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު ފަސް ވަނަ އަށް އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ. އެގައުމުން މިދިޔަ މަހު އެކަނިވެސް ޖުމްލަ 74,893 މީހަކު މި ބަލީގައި މަރުވި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިއީ އެއްމަސް ދުވަހުގެ ތެރޭގައި އެގައުމުން އެންމެ ގިނަ މީހުންގެ މަރުވި މަހެވެ.

ރަޝިއާއިން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ފަހަކަށް އައިސް 1000 އިން މަތީގައި އުޅޭއިރު، ފައްސިވާ މީހުންގެ އަދަދު ވެސް އުޅެނީ 30،000 އިން މަތީގައެވެ. އެގޮތުން، އިއްޔެވެސް އިތުރު 32,974 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 9,769,011 އަށް އަރާފައެވެ. އަދި އިތުރު 1،215 މީހަކު މަރުވެ ޖުމްލަ މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 280,072 އަށް އަރާފައެވެ.