ރާއްޖެއިން ކޮވިޑް-19ގެ އާ ވައްތަރު "އޮމިކްރޮން" ފެނިފައިވާތީ ރާއްޖެއިން ހޮންގްކޮންގްއަށް ދަތުރު ކުރުން އެ ގައުމުން މަނާކޮށްފިއެވެ.

ރާއްޖެއިން އޮމިކްރޮންގެ ފުރަތަމަ ވޭދަަނަ ފެނިފައިވާކަން އިއުލާނު ކުރީ ރޭގެ ވަގުތެއްގައެވެ. މިއަދު އެޗްޕީއޭ އިން ވަނީ އެ މީހާއަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ދެކުނު އެފްރިކާއިން ރާއްޖެ އައި މީހެއް ކަމަށް ވިދާޅުވެފައެވެ.

ދެކުނު އެފްރިކާއަކީ ކޮވިޑްގެ މި ވައްތަރު ފެނުނު ކަމަށް ފުރަތަމަ ރިޕޯޓް ކުރި ގައުމެވެ.

ހޮންގްކޮންގް އިން މިއަދު އިއުލާނު ކުރިގޮތުގައި އާ ވޭރިއެންޓާއި ގުޅިގެން އެ ގައުމަށް ރާއްޖެ އާއި ސެެނެގަލް އާއި ޓުނީޝިއާ މީހުންނަށް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިއާއެކު މި މަހުގެ ނުުވަ ވަނަ ދުވަހުން ފެށިގެން މި ގައުމުތައް ވަނީ ހާއްސަ ކެޓެގަރީއަށް ލާފައެވެ. އެގޮތުން ބޯޑިންގް ވަރުގަދަކޮށް،މި ގައުމުތަކުން ދާ ހޮންގްކޮންގް ދަތުރުވެރިން ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ރާއްޖެ ހިމެނޭހެން އެ ގައުމުތަކުގައި 21 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން މަޑުކޮށްފައި ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ހޮންގްކޮންގްއަށް ވަނުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ހޮންގްކޮންގްއަށް ނިސްބަތްވާ މީހުންނަށް ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަ ކުރުމުންނެވެ. އަދި އެ ފަރާތްތަށް ހޮންގްކޮންގްއަށް އައުމުން 21 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު،އެ މުއްދަތުގެ ތެރޭގައި ހަ ފަހަރަށް ޓެސްޓު ހަދަން ޖެހޭނެއެވެ. އަދި އެ ގައުމަށް ދާތާ 26 ވަނަ ދުވަހު އިތުރު ޓެސްޓެއް ހަދަން މަޖުބޫރު ވާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަމީތު

    މިއޮއްގެން ސުޓާޓްވަނީ ޓުރެވަލް ބޭންތައް އަންނަނީ.

  2. އަހުމަދު ނީޒް

    ޝައުގެއް ނެތް ހޮންގްކޮންގް އަކަށް.