ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރެން ފެށި ފަހުން ފުރަތަމަ ފަހަރަށް ސްކޫލްތައް ހުޅުވައިފިއެވެ.

ދެ އަހަރު ދުވަހުގެ ސަސްޕެންޝަނަކަށް ފަހު، މެނީލާގެ ދަރިވަރުންތައް ސްކޫލަށް ހާޒިރުވެގެން ގަޑިތައް ނަގާފައިވަނީ މިއަދުއެވެ. ކޮވިޑް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން މެނީލާގެ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ކިޔަވާ ދަރިވަރުން ވަނީ ޕްލާސްޓިކް ޕާޓްޝަނަކުން ވަކިކޮށްފައެވެ.

Pictures: Reuters

އެގައުމުގެ ސަރުކާރުގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު ހުރިހާ ސްކޫލެއް އަލުން ހުޅުވުމެވެ. މިހާރު މެނީލާގެ 28 ސްކޫލެއް ހުޅުވާފައިވާއިރު، ދަރިވަރުން މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

މިއީ މުޅި ދުނިޔެއިން ވެސް އެންމެ ފަހުން ސްކޫލްތައް ހުޅުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގައި މިހާތަނަށް 2.84 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 49،499 މީހުން ބަލިމަޑުކަމުގައި މަރުވެފައިވެއެވެ.

ފިލިޕީންސްއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް އުޅެނީ 1،000 އަށް ވުރެ ދަށުގައެވެ. ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ 110 މިލިއަން މީހުންގެ ތެރެއިން 34 އިންސައްތަ މީހުންނަށް ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.