ފްރާންސްގެ ގެއަކުން މަރުވެފައިވާ 100 ވަރަކަށް ބުޅާ ފެނިފައިވާ ކަމަށް އެނިމަލް ޕްރޮޓެކްޝަން އެސޯސިއޭޝަން އިން ބުނެފިއެވެ.

މި ބުޅާތައް ހުރި ގެ ފެނުނީ އެ ގޭގައި ދިރިއުޅޭ 81 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެ ފިރިހެންމީހާގެ ކޮއްކޮ ގެއަށް ވަނުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރުވެފައިވާ ބުޅާތައް އޮތީ ޕްލާސްޓިކް ނުވަތަ ލަކުޑި ކޮންޓެއިނަރުތަކެއްގެ ތެރޭގައެވެ. ބުޅާތަކުގެ އިތުރުން، ރާމާމަކުނުތަކުގެ ކަށިތަކާއި، ކުއްތާގެ ކަށިތައްވެސް އެގެއިން ވަނީ ފެނިފައެވެ.

އެ ގެއިން ދިރިހުއްޓާ 20 އަށް ވުރެ ގިނަ ބުޅާ ސަލާމަތްކޮށް، ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަނަވާރުން ސަލާމަތްކުރާ އެސޯސިއޭޝަންގެ ރައީސް ފިލިޕް ޑެސްޖެކް ބުނީ އެމީހުން އުމުރުން ދުވަސްވީ މީހާގެ ގެއަށް ދިޔައިރު މަރުވެފައިވާ އެތައް ބުޅައެއް އެގެއިން ފެނިފައިވާކަމަށެވެ. ބުޅާތަކުގެ އިތުރުން ކުއްތާގެ ކަށިތައްވެސް ފެނިފައިވާއިރު އެސޮރުމެން ފޮށިތަކަށް ލާފައިވަނީ މަރުވުމުގެ ކުރިންކަން ހާމަވާ ނިޝާންތައްވެސް ފެނިފައިވާކަމަށްވެއެވެ.

ޑެސްޖެކް ބުނީ 81 އަހަރުގެ މީހާ އަކީ ނޯއާ ސިންޑްރޯމް ޖެހިފައިވާ މީހެއްކަން ޔަގީންވެފައިވާކަމަށެވެ. މި ބަލީގެ ސަބަބުން ގިނަ އަދަދެއްގެ ޖަނަވާރުތައް ގެންގުޅޭ ހިތްވާނެއެވެ. ނަމަވެސް އެސޮރުމެން ތިބީ ކައިގެންތޯ ބެލުމަށް އެއްވެސް ސަމާލުކަމެއް ނުދޭނެއެވެ. އޭނާ ބުނީ ޖަނަވާރުހިމާޔަތްކުރާ ޖަމްޢިއްޔާތަކުން 81 އަހަރުގެ މީހާގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރާން ނިންމާފައިވާކަމަށެވެ.

އެމީހާގެ މައްޗަށް ޖިނާއީ ދައުވާ ކުރަނީ ޖަނަވާރުންނާއި މެދު އިހާނެތިކޮށް ހިތުމާއި އިހުމާލުވުމުގެ ކުށުގައިއެވެ.