ކޮވިޑް-19 ދުނިޔެ އިން ފެނުމުގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ކުރިން މިފަދަ ބަލިމަޑުކަމެއްގެ އިންޒާރު ދިން އެއްބޭފުޅަކީ މައިކްރޯސޮފްގެ އެއްބާނީ ބިލް ގޭޓްސްއެވެ. އޭނާ 2015 ވަނަ އަހަރު އިންޒާރު ދެއްވި ގޮތުގައި މިފަދަ ބަލިމަޑުކަމަކަށް ދުނިޔެ ތައްޔާރެއް ނޫނެވެ. އެހެންކަމުން ބަލިމަޑުކަމެއް ފެތުރިއްޖެނަމަ އެތައް މިލިއަން ބަޔަކު މަރުވެގެން ހިނގައިދާނެއެވެ.

ބިލް ގޭޓްސް ދެއްވި އިންޒާރަށް އެއްވެސް ބަޔަކު މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކޮވިޑް ދުނިޔެ އަށް ކުރިމަތިވެ އެތައް ލައްކަ ބަޔަކު މިހާރު ވެސް މަރުވެއްޖެއެވެ. ބިލް ގޭޓްސް އަދިވެސް ކޮވިޑާއި ގުޅިގެން ދައްކަވާ ވާހަކަ ހުއްޓައެއް ނުލައެވެ. އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ކަންބޮޑުވުންތައް އިތުރުވި ނަމަވެސް އަންނަ އަހަރު މިބަލިމަޑުކަމުން ސަލާމަތް ވެވިދާނެ ކަމަށެވެ. ބިލް ގޭޓްސްގެ ލިޔުއްވުމަކީ މިއަހަރު ކުރެވުނު ބައެއް ތަޖުރިބާތަކާއި އަންނަ އަހަރަށް ކުރާ ބައެއް އުއްމީދުތައް ހިމަނައިގެން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

"އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު ހަމައެކަނި އެމެރިކާ އިން ވެސް 50 މިލިއަނަށް އަރާފާނެއެވެ. ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ދެވިފައި ވުމުންނާއި، އަދި ކޮވިޑާއި ދެކޮޅަށް ބޭނުން ކުރާނެ ގުޅަ ބޭސްތައް ވެސް އުފެއްދި، ބޭނުން ކުރާ މަރުހަލާ އަށް އަންނަމުން ދާތީ ކޮވިޑްގައި މަރުވާ މީހުންގެ އަދަދު %50 ދަށް ކުރެވިދާނެއެވެ. މިހާރު ހާލަތު އޮތްގޮތައް ބަލާއިރު މިފެށޭ އަހަރު މިބަލިމަޑުކަމުގެ ނުރައްކަލުން ސަލާމަތްވެވޭނެ ކަމަށް ލަފާކުރެވެއެވެ." ބިލް ގޭޓްސް ލިޔުއްވާފައިވެއެވެ.

ބިލް ގޭޓްސްގެ ލިޔުއްވުމުގައި ވަނީ އޭނާގެ 27 އަހަރުގެ ކައިވެނި މިއަހަރު ނިމުމަކަށް ގެންނަން ޖެހުމުން އެކަމަށް ވެސް އަލިއަޅުވާލާފައެވެ. ބިލް ގޭޓްސްގެ ލިޔުއްވުމުގައި ވިދާޅުވީ ކައިވެނި ރޫޅާލަން ނިންމި ނިންމުމަކީ އުނދަގޫ، އަދި ހިތާމައިން ފުރިގެންވާ ނިންމުމެކެވެ. ނަމަވެސް މެލިންޑާ އާއިއެކު އަދިވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ.

ބިލް ގޭޓްސްގެ ކައިވެނި ރޫޅާލި ނަމަވެސް މެލިންޑާ އާއި ދެމީހުން އުފައްދާފައިވާ ފައުންޑޭޝަންގެ މަސައްކަތްތައް އެކުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މުއްސަނދިން އަދި މޑޕ ރާވައިގެން ކުޅޭ ކުޅިވަރެއްމީ.

    11
    1
  2. އަޒްމީ

    ތިމީހުން ރާވައިގެން އިތުރަށް މުއްސަނދިވާން ކުރިކަމެއްވިއްޔާ މީ. ބަނޑުފުރާވަރަށް ލާރިލިބުނީމާ ހުއްޓާލަންވީ.

    6
    1
  3. އަޙްމަދް

    ވެކްސިން ދާދާ ހީކުރިވަރަށް ވެކްސިނުން ފައިދާ ނުވިވާހަކަ އެބުނީ!

    1
    2