މިޔަންމާގެ ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދިޔަ ރަށްތައް ބުލްޑޯޒަރުން ހަލާކުކޮށް ސުންނާފަތިކުރާ މަންޒަރު ސެޓެލައިޓް ފޮޓޯއިން ފެނިއްޖެއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން އާންމުކޮށްފައިވާ މި ފޮޓޯތަކުން ވަނީ ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދިޔަ 55 އަވަށް މުޅިން ހަލާކުކޮށްލާފައިވާތަން ދައްކުވައި ދީފައެވެ. ހަލާކުކޮށްލާފައިވާ ރަށްތަކަކީ މީގެ ކުރިން ހުޅުޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައިވާ ރަށްތަކެއްކަމަށް ވެސް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ވަނީ މި އަވަށް ތަކަކީ "ކްރައިމް ސީން" ތަކެއްގެ ގޮތުގައި ދަމަހައްޓަންޖެހޭ ތަންތަންކަމުގައި ބުނެފައެވެ.

ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން އަދި ބުޑިސްޓު ގުރޫޕުތަކުން ހިންގި ޖަރީމާތަކުގެ ސަބަބުން ބައި މިލިއަނެއްހާ މީހުން މިޔަންމާރއިން ފިލައިގެން އަވަށްޓެރި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރުކޮށްފައިވާއިރު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މި އޮޕަރޭޝަންތަކަކީ ރޮހިންޔާ މުސްލިމް ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ހިންގޭ އޮޕަރޭޝަންތަކެއްކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެ ސަރަހައްދަށް ދަތުރުކުރި ނޫސްވެރިންގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިތުރުން އދ. އިން ވެސް ވަނީ މިއީ ވަކި ނަސްލަކާއި ދެކޮޅަށް އަމާޒުކޮށް ހިންގޭ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަމަނުޖެހުންތައް ހިނގާފައިވާ ސަރަހައްދުތަކަށް ދިޔުމުގެ ހުއްދަ މަދު ނޫސްވެރިޔަކަށް ލިބިގެންދިޔައިރު އދ.ގެ އޮފިޝަލުންނަށް ވަނީ މިޔަންމާގެ ސަރުކާރުގެ ފަރާތުން މި ހުއްދަ ނުލިބިފައެވެ.

މިޔަންމާގައި ހިނގައިދިޔަ މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ލީޑަރު އަންގް ސަންގް ސޫކީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރެވިފައިވާއިރު ސޫކީ މި ހަމަނުޖެހުންތަކަށް ބީރު ކަންފަތެއް ދީފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ރޮހިންޔާ މުސްލިމުން ދިރިއުޅުނު އެ ރަށްތައް ހަލާކުކުރުމުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ކުރެވިފައިވާ އަނިޔާތަކުގެ ހެކިތައް ފޮހެވިފައިވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞަބާޙް

    އ.ދ އަކަށް ނޭނގޭނެ މިޔަންމާއިން ކަންކުރާނެ ގޮތެއް

  2. އަޙުމަދު

    ވަރިހަމައެއްނު. އެއަށްވުރެ މި ދިވެހިރާއްޖެ ނުރައްކާވީމަޔޯ މިތަނަށް ފާވެގެން ހުރިހާ ޑިމޮކްރަސީތައް އެއުޅެނީ!

  3. އުގާ

    ޣައިރު މުސްލިމުންގެ ތެރެއަށް ވަންނަން ނުވަތަ އެމީހުނާ ޚިލާފަށް އެއްޗެއް ބުނަން ހިއުމަން ރައިޓުސް ބިރުގަންނާނެ. ކޮންބައެއް.

  4. ވަށަފަރު

    މިކަން ހުއްޓުވަބަލަ ހުރިހާ ޤައުމަކުން އެކައްޗެއް ކިޔައިގެން. ނިކަމެތި މުސްލިމުންގެ ފުރާނައޭ އެއީ. މި ދިވެހި ފަސްގަނޑަށް އަތްގަދަ ކުރުމަށް ވުރެ މާތާހިރުވާނެ