ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ މެޑިކަލް ޕޭރޯލްގެ ދަށުން މިނިވަންކުރުމަށްފަހު، އަލުން ޖަލަށްލާން ދެކުނު އެފްރިކާގެ ހައިކޯޓުން އަމުރު ކޮށްފިއެވެ.

ގާޒީ އެލިއަސް މަޓޯޖާން އިއްޔެ ނެރުނު އަމުރެއްގައި ވިދާޅުވީ، މެޑިކަލް ޕޭރޯލްގެ ދަށުން ޒޫމާ މިނިވަންކުރުމަށް ނިންމި ނިންމުމަކީ "ޣައިރު ގާނޫނީ ނިންމުމެއް" ކަމަށެވެ.

މިކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ކަރެކްޝަނަލް ސަރވިސަސްއިން ބުނީ ކޯޓުގެ ހުކުމް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ޒޫމާގެ ޗެރިޓަބަލް ފައުންޑޭޝަނުން ޓްވިޓާގައި ބުނީ، ޒޫމާގެ ގާނޫނީ ޓީމުން ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުކުމް މުޅިން ގޯސް. މަތީ ކޯޓަކުން މުޅިން ތަފާތު ނިންމުމެއް އަންނާނެ ކަމުގެ ވަރުގަދަ އުންމީދެއް އެބައޮތް" އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މެޑިކަލް ޕެރޯލްގެ ދަށުން ޒޫމާ މިނިވަން ކޮށްފައިވަނީ 15 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.

ނުވަ އަހަރު ދުވަސް ވަންދެން ދެކުނު އެފްރިކާގައި ވެރިކަން ކުރެއްވި ޒޫމާ 15 މަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވަން ވަޑައިގަތުމަށް ޒޫމާ ވަނީ އިންކާރު ކުރައްވާފައެވެ.

ޒޫމާ، 79، ގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތެވެ. އޭގެ ތެރޭގައި ވެރިކަމުގައި ހުންނެވި ދުވަސްވަރާއި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ހިޔާނާތުގެ އަމަލުތަކުގެ މައްސަލަ ތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 1999 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުއާމާލަތެއްގެ ތަހްގީގުވެސް އަންނަނީ ކުރަމުންނެވެ. އެ ދުވަސްވަރު ޒޫމާ ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އޭގެ އިތުރުން 2009-2018 ވަނަ އަހަރުތެރޭގައި ޒޫމާ ވެރިކަމުގައި ހުންނެވި އިރު އިންޑިޔާގެ ގުޕުތާގެ އާއިލާއަކާއި ގުޅިގެން ހިންގެވި ހިޔާނާތުގެ އަމަލުތަކެއްގެ މައްޗަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގުވެސް ކުރިޔަށް ދެއެވެ.

އެ ހުރިހާ ތުހުމަތުތަކަކަށް ޒޫމާ ވަނީ އިންކާރު ކުއްވާފައެވެ. އަދި ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާ އަންނަނީ އިންކާރު ކުރަމުންނެވެ.

15 މަސް ދުވަހަަށް ޖަލުގައި ބަންދުކުރަން ހުކުމް ކުރުމާއި އެކު ދެއްވައި އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގެންފައިވަނީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. ޒޫމާ އަމިއްލައަށް އަމާން ދެއްވައި ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް، ކާރުކޮޅުގައި ގެކޮޅުން ނުކުމެވަޑައިގަތީ، ފުލުހުން ދީފައިވާ މުހުލަތު ހަމަވާން 40 މިނެޓަށްވެފައި ވަނިކޮށެވެ.