މެލޭޝިޔާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ ބެރްނާމާ އިން ބުނެފިއެވެ.

އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 21،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް ވަނީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އަވަސް އެހީ ގެ އިތުރުން ގެއްލުން ލިބުނު ގެތަކާއި ތަންތަން މަރާމާތު ކުރުމަށް 23.7 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ޔައުގޫބް ވިދާޅުވީ، އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށާއި މަގުތައް ބަންދުވެ ކަނޑުމަގުން ކުރާ މުދަލުގެ ވިޔަފާރިއަށް ބުރޫއަރާފައިވާ ކަމަށެވެ.

ވެހިކަލްތަކުގެ އިތުރުން ގެއިން ބޭރުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ފުލުހުންނާއި، އަސްކަރިއްޔާ އަދި ފަޔަރ ޑިޕާޓްމަންޓްގެ 66،000 އަށްވުރެ ގިނަ ސިފައިން ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ޕެރަކްއަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ ގައުމުގެ 16 ސުޓޭޓުގެ ތެރެއިން 8 ސުޓޭޓުގައި ފެންބޮޑުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ބޯކޮށް ވިއްސާރަވެހި ފެންބޮޑުވުމާއި ގުޅިގެން މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރާއި އެ ސިޓީގެ ވަށައިގެންވާ އެތައް ބަސް ރޫޓެއް ކެންސަލްކޮށް، އެ ސިޓީގެ ޕޯޓް ސިޓީ ކްލާންގްއަށް ދަތުރުކުރާ ރޭލް ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.