ތައިލެންޑުގެ ތަމް ލުއާންގ ހޮހޮޅައިގައި ތިބި ފުޓުބޯޅަ ޓީމުގެ ގިނަ މެންބަރުން، މިހާރުވަނީ ސަލާމަތްކުރެވިފައެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ މަސައްކަތުން، 8 ކުދިން ސަލާމަތްކޮށްފައިވާއިރު، ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތްކުރުމުގެ މަސައްކަތް، މިހާރުދަނީ ކުރިއަށެވެ.

ޖޫން 23 ވަނަ ދުވަހު، ހޮހޮޅައިގައި މި ކުދިން ތާށިވި ގޮތަށް، މި ކުދިންނަށް އެކަށީގެންވާ ކާއެއްޗެއް ނުލިބެއެވެ. މިކަމުގެ ސަބަބުން، އެކުދިންގެ ހަށިގަނޑު އަނަރޫފަވުން އެކަށީގެންވާކަމަށްވެސް، ޞިއްޙީ ފަރާތްތަކުންނާއި ޑޮކްޓަރުންވެސް ބުނެފައިވެއެވެ.

ސަލާމަތްކޮށްފައިވާ އަށް ކުދިން، މިހާރު އެކި އެއްޗެހި ކެއުމަށް ބޭނުންވެގެން، އެކަމަށް ޝަކުވާ ކުރާކަމަށް ހޮސްޕިޓަލުގެ ފަރާތުން، މީޑިޔާއަށް މައުލޫމާތު ދިން އޮފިޝަލަކު ބުނެފައިވެއެވެ. ސަލާމަތްވެގެން އައުމަށްފަހުވެސް، ރަނގަޅު މީރު އެއްޗެއްސަށް، އެކުދިން އެދެމުންދާކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަކޮޅު، އެކުދިން ތަހުލީލު ކުރިއިރު، އެއްވެސް ކާއެއްޗެއް ނުދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް، މިހާރު އެކުދިންނަށް އެކި ބާވަތްތަކުގެ ކާބޯތަކެތި ދަނީ ދެމުންނެވެ. ހޮސްޕިޓަލުގެ ފަރާތުން މި ތަކެތި ދެމުން އަންނައިރު، ކުޅި އަދި ގިނަ އަދަދަކަށް ހަވާދުގެ ބާވަތްތައް އެކުލެވޭ ކާބޯތަކެތި އަދި ދެމުން ނުދާކަމަށްވެސް، ޝިއަންގ ރާއީގައި ހުންނަ ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދެއްކި މީހަކު، ބައެއް މީޑިޔާތަކަށް ބުނެފައިވެއެވެ.

ތައިލެންޑުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަލާމަތްކުރި 8 ކުދިންގެ ޙާލުވެސް، ޖުމުލަ ގޮތެއްގައި ރަނގަޅެވެ. އެކުދިން ވާހަކަ ދައްކާ އުޅޭއިރު، ކުރިން ހީކުރިފަދަ ނަފްސާނީ އެއްވެސް ގެއްލުމެއްވެސް، އެކުދިންގެ ފަރާތުން އަދި ފާހަގަކުރެވިފައި ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއް ކުއްޖެއްގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާއިރު، އެކަމަށް ފަރުވާ ދީފައިވާކަމަށާއި އަދި އެއް ކުއްޖެއްގެ ހިތުގެ ވިންދު ދަށްވިކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، މިހާރު އެކަންކަން ހަމައަކަށް އެޅިފައިވާކަމަށާއި ނިއުމޯނިޔާގެ އަލާމާތްތަކެއް ފެނުނު ކުދިންތަކަކަށްވެސް އެންޓިބަޔޮޓިކް ދީފައިވާކަމަށް ބުނެފައިވެއެވެ.

މިހާރު އެންމެންވެސް އިންތިޒާރު ކުރަމުންދަނީ ބާކީ ތިބި ކުދިން، އެނބުރި އަންނާނެ ވަގުތަކަށެވެ. އެހެންނަމަވެސް، އެކުދިންގެ ޞިއްޙީ ހާލަތު ދަށްކަމަށް ބައެއް، ނޫސްތަކުން ބުނެފައިވެއެވެ.