ތަމް ލުއާންގ ހޮހޮޅަތެރޭގައި މިހާރު ތިބި ހަތަރު ކުދިންނާއި ކޯޗުގެ ޞިއްޙީ ހާލަތު ދަށްވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ކުދިންގެ ޙާލަތު ދަށްވެފައިވާއިރު، ކުދިން ސަލާމަތްކުރުމުގެ މަސައްކަތް، ޑައިވަރުން މިހާރު ދަނީ ކުރަމުންނެވެ.

މި ކުދިންގެ ޙާލު ދަށްވެފައިވާއިރު، އެކުދިންނާ އެންމެ ގާތުން ފަރުވާ ދިނުމަށް ޑޮކްޓަރަކު ދަނީ ހޮހޮޅަ ތެރޭގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޮސްޓްރޭލިޔާގެ ޑޮކްޓަރެއް، ހޮހޮޅަ ތެރޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އާދީއްތަ ދުވަހާއި ހޯމަ ދުވަހު، ޖުމުލަ އަށް ކުއްޖަކު ހޮހޮޅައިން ނެރެ ސަލާމަތްކޮށްފައިވާއިރު ކުދިން ނެރުމުގައި ބަލާފައިވަނީ ދީފައިވަނީ ކުދިންގެ ޞިއްޙީ ޙާލަތަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން، ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން، މިހާރު ތިބި ކުދިންނަކީ ޞިއްޙީ ޙާލަތު އެންމެ ދަށް ކުދިންކަމަށްވާއިރު، އެގޮތަށް ކަންތައް ކޮށްފައިވަނީ ސަލާމަތުން، ފަސޭހަކަމާއެކު، ގެއްލުމެއް ނުލިބި ނެރެވޭނެ ކުދިން ކުރިން ނެރުމަށްކަމަށް މައުލޫމާތު ލިބެއެވެ.

މިކަން ކަނޑައަޅައި، ޑައިވަރުންނަށް އަންގަނީ ހޮހޮޅައިގައި ހުންނަ ޑޮކްޓަރުކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހޮހޮޅައިން ނެރުމަށްފަހު، ކޮންމެ ކުއްޖަކަށްވެސް ތަމް ލުއާންގ ހޮހޮޅައިގެ ކައިރީގައި ހުންނަ ވަގުތީ ހޮސްޕިޓަލަކުން ފަރުވާ ދެއެވެ. އެމްބިއުލާންސްގައި އެތަނަށް ގެންގޮސް، އެންމެ ފުރަތަމަ ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ދެން ކުދިން، ހެލިކޮޕްޓަރަކަށް އަރުވައިގެން ގެންދަނީ ޝިއަންގ ރާއީ ހޮސްޕިޓަލަށެވެ. އެތަނުގައި އެކުދިންނަށް ސްޕެޝަލިސްޓު ޑޮކްޓަރުން ފަރުވާ ދެއެވެ.

ހޮސްޕިޓަލުގައި މި ކުދިންނަށް ޚާއްޞަ ޔުނިޓެއް ޤާއިމްކޮށްފައިވާއިރު، ލެބޮރޭޓަރީ އިން ކުރެވޭ ބައެއް މަސައްކަތްތައް، ސީދާ އެތަނުގައި ކުރެވޭ އިންތިޒާމުތައް ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.

ބައެއް ބަލިތަކާއި އިންފެކްޝަން ފެތުރިދާނެތީ، ކުދިންގެ އާއިލާތަކާ ސީދާ ބައްދަލުކުރުމުގެ ފުރުޞަތުވެސް އަދި ދީފައި ނުވެއެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ސަލާމަތްކުރި ހަތަރު ކުދިންނަށް، ބިއްލޫރިގަނޑެއްގެ ދެ ފަރާތުން، އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ދީފައިވެއެވެ.

މިއަދު ހުރިހާ ކުދިންނާއި ކޯޗު ނެރެވޭނެކަމަށް ބެލެވޭއިރު، އެކަމަށް ކުރީ ދެ ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާނެކަމަށް، އޮޕަރޭޝަނުގެ ކޮމާންޑަރު ވަނީ ބުނެފައެވެ. އަދި، ހޮހޮޅަ ތެރޭގައި ހުރި ޑޮކްޓަރުވެސް، މިއަދު ހޮހޮޅައިން ނިކުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިރާދަ ކުރެއްވީޔާ ބާކީތިބި ކުދީން ނަކީސިއްހަތު ރަނގަޅު ކުދީންކަމުގައި ލައްވާ ދޭވެ.އާމިން؛