ތައިލެންޑުގެ ހޮހޮޅައިގައި ތާށިވެފައިވާ ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުންގެ މަސައްކަތަކީ، ކިތަންމެހާވެސް ބުރަ މަސައްކަތެކެވެ. އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭ، އަގު ނުކުރެވޭފަދަ ބޮޑު ޚިދުމަތެކެވެ. އެކަމަށް، އެފަރާތްތަކަށް، ޝުކުރުގެ ގުލްދަސްތާތައް ވެދުން ކުރަން ޖެހެއެވެ.
ހަމައެހެންމެ، މައިދާނުގައި، މި އޮޕަރޭޝަނާ ގުޅުން ހުރި އެހެން ކަންކަމުގައިވެސް، އެތައް ޚިދުމަތްތެރިންނެއް ދަނީ މަސައްކަތް ކުރަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުން، ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުންވެސް، އެތައް ގޮތަކުން މަސައްކަތް ކޮށްދޭ، އެތައް ފަރާތެއް ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ، ޑައިވަރުންނަށާއި އެހެން ޚިދުމަތްތެރިންނަށް ކައްކައި، ކާން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެންވެރިންނެވެ. އެފަރާތްތައް، މި މަސައްކަތުގައި އުޅެމުންދަނީ އެއްވެސް އުޖޫރައަކާ ނުލައި، ހިލޭ ސާބަހަށް ދަރުމަވެރިންގެ ގޮތުގައެވެ.
ހޮހޮޅައިގެ ކައިރީގައި ޤާއިމްކޮށްފައިވާ ސަޕޯޓް ސެންޓަރުގައި، އެތައް އަންހެނުނެއް، ޑައިވަރުންނަށް ބޭނުންވާ ކާބޯތަކެތި ތައްޔާރުކުރަމުންދާއިރު، އެކަމުގައި އެފަރާތްތައް، ރޭގަނޑު ދަން ވަންދެންވެސް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުންވެސް، އެހެން ބައެއް މަސައްކަތުގައި ތައިލެންޑުގެ ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމީހަކަށް ލިބިފައިވާ ހުނަރަކާއި ޤާބިލުކަމެއް، މަސައްކަތަށް އެހީއަކަށްވާނެފަދަ ކޮންމެ ކަމެއްގައި ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން، ގިނަ ޑައިވަރުންނަކީ ބޭރު ޤައުމުތަކުގެ މީހުންކަމުން، އެމީހުން ދައްކާ ވާހަކަ ތަރުޖަމާ ކުރުމުގައިވެސް، ބައެއް ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިގޮތަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު، ރޭ "ސީއެންއެން" އަށް ބުނެފައިވާ ގޮތުގައި، ސަޕޯޓް ސެންޓަރުގައި ތިބި ދަރުމަވެރިންނާއި ޑައިވަރުން އަދި އެނޫންވެސް ޚިދުމަތްތެރިންގެ މެދުގައި އޮތީ އެކުވެރި މާހައުލެކެވެ. އަދި، އިއްޔެއާ ހަމައަށް އަށް ކުދިން ސަލާމަތްކުރެވިފައިވުމުން، އެއްވެސް ހާސް ކަމެއް ނެތްއިރު، އެތަނުގައި އޮތީ މަޖާ މާހައުލެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި އެންމެންގެ އުންމީދަކީވެސް، މިއަދުގެ އޮޕަރޭޝަނުން، ހޮހޮޅައިގައި ތިބި ކުދިންތައް ރައްކާތެރިކަމާއެކު ސަލާމަތްވުމެވެ.
އަސްލު މިއީ ވ.ރީތި ނަމޫނާއެއް މުޅިދުނިޔެއަށް ދައްކައިދިން ޓީމެއް.ސާބަހޭ....
އާމީން