ހޮހޮޅައިގައި ތިބި ކުދިން ވޯލްޑްކަޕްގެ ފައިނަލް ބަލަން ދިޔުން ޑޮކްޓަރުން މަނާކޮށްފިއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލާލަން ދިޔުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދިން އެ ދައުވަތު އެ ކުދިންނަށް ގަބޫލުކުރެވެން ނެތް ކަމަށާއި، އެ ކުދިން އެ ދައުވަތު ގަބޫލުކޮށް އެތަނަށް ދިޔުމަށް ގަބޫލުނުވާނެ ކަމަށެވެ.

ޑޮކްޓަރުން ބުނީ، އެ ކުދިން ބަލާބެލުމަށް އެއްވެސް ކަހަލަ ބައްޔެއް ޖެހިފައި ނެތް ކަމަށް ހީވި ނަމަވެސް، އެ ކުދިން ހޮސްޕިޓަލްގައި ހަފްތާއެއްހާ ދުވަސް ހޭދަ ކުރަން ޖެހޭނެ ކަމަށެވެ.

"އެ ކުދިންނަށް މެޗް ބަލާކަށް ރަޝިޔާ އަކަށް ނުދެވޭނެ. އެ ކުދިން ޖެހޭނީ ދުވަސްކޮޅެއް ވަންދެން ހޮސްޕިޓަލްގައި މަޑުކުރަން. އެ ކުދިން މެޗް ބަލާނީ ހޮސްޕިޓަލްގައި ތިބެ ޓީވީ މެދުވެރިކޮށް". ތައިލެންޑްގެ ޕަބްލިކް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އޮންނަ ވޯލްޑް ކަޕުގެ ފައިނަލުގައި، ފީފާގެ މެޙުމާނުންގެ ގޮތުގައި އެ ކުދިން ބައިވެރި ކުރުމަށް ފީފާގެ ރައީސް ވަނީ ނިންމާފައެވެ.

ހޮހޮޅައިގައި ތާށިވެފައިވާ ކުދިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިދާރާ، ފީފާ އިން ވަރަށް ގާތުން ބަލަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.