ސީރިޔާގެ ގޯލާންގެ އުސް ބިންތަކުގައި ޔަހޫދީންގެ އާބާދީ އިތުރުކުރުމަށް އިސްރާއިލުން ނިންމައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ބުނީ، ހިފާފައިވާ ގޯލާން ހައިޓްސްގައި ވަޒަންވެރިވެފައިވާ މީހުންގެ އަދަދު ދެގުނައަށް އިތުރުކުރުމުގެ ވިސްނުމެއް އެގައުމުން ގެންގުޅޭ ކަމަށެވެ. އަދި އެ ޕްލޭނަކީ މީގެ 50 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ސޫރިޔާއިން ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހިފަހައްޓާފައިވާ ހިފެހެއްޓުން އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އެތައް މިލިއަން ޑޮލަރެއްގެ ޕްލޭނެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ގޯލާން ހައިޓްސްގައި އިސްރާއީލުގެ 25،000 އެއްހާ ވަޒަންވެރިން ދިރިއުޅެމުން އަންނައިރު، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި 23،000 އެއްހާ ދުރޫޒު ވަޒަންވެރިވެފައި ވެއެވެ.

ގޯލާންގެ އުސް ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުމަށް މިފަށާ މަޝްރޫއުގެ ދަށުން، ގޯލާންގެ މެވޯ ހާމާ ކިޔާ ސަރަހައްދުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 7،300 ގެ އިމާރާތްކުރާނެއެވެ. އަދި މި ސަަރަހައްދުގައި ޔަހޫދީންގެ އާބާދީ ދެގުނައަށް އިތުރުކުރުމަށް ޕްލޭން އެކުލަވާާލައި، އެ ޕްލޭންއަށް 317 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

އިސްރާއީލުން ވަނީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި ސޫރިޔާގެ ގޯލާން ހައިޓްސް ހިފައި، 1981 ވަނަ އަހަރު ގޯލާންގެ އުސްބިންތައް ހިފާފައެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު އަޣުލަބިއްޔަތަކުން ދެކެނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ޣައިރު ގާނޫނީ ފިޔަވަޅެއް ކަމަށެވެ.

މި ސަރަހައްދަކީ އިސްރާއިލުގެ ބިމެއް ކަމަށް އެންމެ ފުރަތަމަ ބަލައިގަތީ އެމެރިކާއިންނެވެ. 2019 ވަނަ އަހަރުގެ ތެރޭގައި އެގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ގޯލާންގެ އުސް ބިމަކީ އިސްރާއިލުގެ ބިމެއް ކަމަށް ކަނޑައަޅާފައެވެ.