ތުރުކީވިލާތުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 30 އިންސައްތައަށް އިތުރުވެ، އިއްޔެ އެކަނި ވެސް ފައްސިވީ މީހުންގެ ޖުމުލަ އަދަދު 26،099 އަށް އަރައިފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޮވިޑް-19ގެ ވޭދަނަތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ މިއަހަރުއެވެ. ވޭދަނަތައް އިތުރުވެ، ރިޕޯޓު ކޮށްފައިވަނީ އެގައުމުގެ ހެލްތް މިނިސްޓަރު އޮމިކްރޮން ވޭރިއެންޓް ހަލުވިކަމާއެކު ފެތުރިދާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

ތުރުކީގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މިމަހު ހުރީ 20،000 އަށް ވުރެ ދަށުގައެވެ. އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެ 173 އިން މައްޗަށް އެރިއިރު އޭގެ ކުރީ ދުވަހު ބަލީގައި މަރުވެފައިވަނީ 157 މީހުންނެވެ.

ހެލްތް މިނިސްޓަރު ފަހްރެޓިން ކޮކާ ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް އެހެން ވޭރިއެންޓްތަކަށްވުރެ އަވަހަށް ފެތުރެމުންދާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް ޖެހުމަށް ކޮކާ ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ ހަފްތާގައި ކޮކާ ވިދާޅުވީ، ތުރުކީގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަކީ އޮމިކްރޮން ވޭރިއެންޓް ޖެހިފައިވާ މީހުން ކަމަށެވެ. އެގައުމުން ފުރަތަމަ އޮމިކްރޮން ވޭރިއެންޓުގެ ވޭދަނައެއް ފެނިފައިވާކަމަށް ބުނެ، ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.

ތުރުކީވިލާތުގައި މިހާތަނަށް ވެކްސިންގެ 129 މިލިއަނަށްވުރެ ގިނަ ޑޯޒް ޖަހާފައިވެއެވެ.