ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިރާޤު އަލުން އާރާސްތު ކުރުމަށް ބައިނަލްއަޤުވާމީ އެހީ ހޯދަން އަންނަ ހަފްތާގައި ކުވައިތުގައި ބާއްވާ ސަމިޓްގައި އެއްވެސް ވަރެއްގެ ފައިސާގެ އެހީއެއް އިރާޤަށް ދިނުމަށް އެމެރިކާ އިން ހުށަނާޅާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

"ކުވައިތުގައި ބާއްވާ ސަމިޓްގައި އެއްވެސް ކަމެއް އެމެރިކާ އިން އިއުލާނެއް ނުކުރާނެ. އެއްވެސް މިންވަރެއްގެ އެހީއެއް އިރާޤަށް ދިނުމަށް އެމެރިކާ އިންރާވާފައެއް ނެތް." އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވިއެވެ.

އެމެރިކާގެ ވިސްނުން ހުރީ އަލުން އިރާޤު އާރާސްތު ކުރުމަށް ޕްރައިވެޓް ސެކްޓަރާއި ގަލްފް ސަރަހައްދުގެ އަވައްޓެރި ގައުމުތަކުގެ އެހީ އިރާޤަށް ހޯދައި ދޭށެވެ. ހާއްސަކޮށް ސައުދީ އަރަބިއްޔާ އިން އިރާޤު އަލުން އާރާސްތު ކުރުމަށް އެހީތެރިވުމަށް އެމެރިކާ އިން އެދެއެވެ.

ނަމަވެސް އިރާޤުގެ ހާލަތު މިހާރު އޮތްގޮތުން ސައުދީ އަރަބިއްޔާ އިން ވެސް މާބޮޑު އެހީތެރިކަމެއް އިރާޤަށް ވެދީފާނެ ކަމަކަށް ނުބެލެވެއެވެ. އަދި އިރާޤުގެ ދާހިލީ ހަމަޖެހުން ގާއިމުވެފައި ނެތުމުން އަމިއްލަ ވިޔަފާރިވެރިން އިރާޤުގައި އިންވެސްޓް ކޮށްފާނެ ކަމަކަށް ވެސް ނުބެލެވެއެވެ.

އެހެން ގައުމުތަކުގައި އިމާރާތްތައް ބިނާ ކުރަން އެމެރިކާ އިން ޚަރަދު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް-އާބާދީ ވިދާޅުވާ ގޮތުގައި އިރާޤު އަލުން އާރާސްތު ކުރުމަށް 100 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.

މީގެ ކުރިން އެމެރިކާ އިން ވެސް ވަނީ އިރާޤު އަލުން އާރާސްތު ކުރުމަށް ގިނަ ލޯނުތަކެއް ދީފައެވެ. އެމެރިކާ އިން އިރާޤަށް ގިނައިން ލޯނު ދީފައި ވަނީ ބައެއް އަވަށްތަކުގެ އެންމެ އަސާސީ ޚިދުމަތްތައް ގާއިމު ކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އެމެރިކާއާއި އަކީ މުސްލިމުންގެ ޢަދުއްވެއް. މުސްލިމުން މަރާ ތަންތަން ހަލާކު ކުރާނީ. ޑިމޮކްރަސީގެ ސިއްކަޖަހައިގެން މުސްލިމުން ނިކަމެތިކުރާނީ. އެކަމަކު މިރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެދަނީ އިންޑިއާއާއި އެމެރިކާއާއި ގުޅުވައިގެން ރާއްޖެ ހަލާކު ކުރުމަށް ރާވަމުން.

  2. ނުރަބޯ

    ނުޖެހޭ ދޭކަށް! ކޮން އެހީއެއް ވާންވީ އެއީ އެމީހުން އަމިއްލައަށް ބޯބޮޑި!