ޗައިނާ-ނޭޕާލް ބޯޑަރު ކައިރީގައި ޗައިނާ އިން އަތްގަދަ ކުރާ ކަމުގެ ތުހުމަތުކޮށްފިއެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހުމްލާ، ގޯރްޚާ، ދަރްޗޫލާ، ދޯލަކާ އަދި ސިންދުޕަލްޗޯކް ހިމެނޭ ބޯޑަރު ޑިސްޓްރިކްޓްތަކުގައި ބެއިޖިންއިން ގަވާއިދާ ޚިލާފަށް ވަނީ އަރައިގެންފައެވެ.

މިކަމާ ގުޅިގެން ނޭޕާލް އަދިވެސް ހިމޭނުން އޮތްކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލް ސަރުކާރުން ވަނީ ހުމްލާގެ އުތުރުގެ ސަރަހައްދުގައި ނޭޕާލް-ޗައިނާ ބޯޑަރު ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އެ ކޮމެޓީގެ ރިޔާސަތު ބެލަހައްޓަވަމުން ގެންދެވީ އެގައުމުގެ ހޯމް ސެކްރެޓަރީއެވެ.

ނޭޕާލް ސަރުކާރުން އެކުލަވާލި މި ޓީމުން ލިމީ ވާދީގެ ބޯޑަރު ތަނބުތައް ދިރާސާކުރިއިރު، ފުރަތަމަ ހޯދުންތަކުން ވަނީ ނޭޕާލާއި ޗައިނާއާ ދެމެދު ބޯޑަރުގެ ސީރިއަސް މައްސަލަތަކެއް ހުރިކަން ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ޗައިނާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ޓީމުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން މި ސަރަހައްދުގެ ވަކި ހިސާބެއްގައި ބައުންޑަރީ ޕިލާސްގައި ފެންސް ޖަހައި ވަޔަރުކޮށްފައިވާ އިރު، އެކަން ކުރީ ކޮން ބަޔަކު ކަމެއް އެނގިފައެއް ނުވެއެވެ. މިއީ ޑިޕްލޮމެޓިކް މައްސަލައެއް ކަމުން އެ މައްސަލަ ހައްލު ކުރަން ލަފާދީފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ކަތަމަންޑޫގައި ހުންނަ ޗައިނާގެ އެމްބަސީ ކައިރީގައި ނޭޕާލް ރައްޔިތުންތަކެއް މުޒާހަރާ ވެސް ކުރިއެވެ. އެމީހުން ވަނީ ޗައިނާ އިން ނޭޕާލްގެ ސަރަހައްދަށް ވަނުން ހުއްޓާލުމަށާއި ޗައިނާ އިން ނޭޕާލް އަށް ވެރިވެގަތުމަށް ހުއްޓާލުމަށް ގޮވާލައިފައެވެ.

ފާއިތުވެދިޔަ ގަރުނުތަކުގައި މި ސަރަހައްދުން ބިންތައް ހޯދަން އުޅުމުގެ ތެރޭގައި ބައެއް ކުދިކުދި ހަމަނުޖެހުންތައް އުފެދުނެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓް ގެ މިލްކުވެރިކަމާ މެދު އިތުރު ދެބަސްވުމެއް އުފެދުނު ނަމަވެސް 1960 ވަނަ އަހަރު ޗައިނާގެ ބޮޑުވަޒީރު ޗޯ އެން-ލައި ކަތަމަންޑޫއަށް ކުރެއްވި ދަތުރުފުޅާއެކު އޭނާ ވަނީ މައުންޓް އެވަރެސްޓް އަކީ ނޭޕާލްގެ ރައްޔިތުންނަށް ނިސްބަތްވާ އެއްޗެއްކަން ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައި އެވެ.