މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައި އަނެއްކާވެސް ގަައިދުރުކޮށް ނަމާދު ކުރަން ފަށައިފިއެވެ.

ހަރަމްފުޅުގައި ގައިދުރުކޮށް ނަމާދު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު ފެށިގެންނެވެ. އެއީ ސައުދީ އަރަބިއްޔާގައި ކޮވިޑަށް ފައްސިވާ އަދަދު ފާއިތުވި މަސް ދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މައްޗަށް ދިއުމުންނެވެ.

މީގެ ކުރިން ކޮވިޑާއި ގުޅިގެން ހަރަމްފުޅުގައި ނަމާދު ކުރުން މެދުކަނޑާލިއެވެ. ނަމަވެސް ފަހުން މިސްކިތް ހުޅުވައިގެން ގައިދުރުކޮށް ނަމާދު ކުރުމަށް ފުރުސަތު ދިނެވެ. ގައިދުރުކަން ނަމާދު ކުރިއިރު ކާބާގެ ވަށައިގެން ފާހަގަވެސް ޖަހާފައި ވެއެވެ. ނަމަވެސް އޮކްޓޯބަރު މަހުގައި އެ ގައުމުގައި ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން މިސްކިތުގައި ޖަހާފައިވާ އެ ނިޝާންތައް ވަނީ ފޮހެލާފައެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ހަރަމްފުޅުގައި އަޅުކަންކުރާ މީހުންނާއި އުމްރާވެރިންނާއި ދެމެދު އިޖުތިމާއީ ގައިދުރުކަން ބެހެއްޓޭނެ ގޮތް ހަަމަޖައްސާނެ ކަމަށެވެ.

މީގެ ކުރިން ސައުދީން ވަނީ މިސްކިތުގެ އެތެރެ އާއި ބޭރުގައި ގައިދުރުން ބެހެއްޓުމަށްޓަކައި ނިޝާންތައް ޖަހާފައެވެ. މިއަދު މެންދުރު ނަމާދުގެ ވަގުތުން ފެށިގެން ވެސް އަލުން އެފާހަގަތައް ޖަހާފައިވެއެވެ.

34 މިލިއަނެއްހާ މީހުން ދިރިއުޅޭ ސައުދީގައި މިހާތަނަށް 554،000 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 8،874 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވާއިރު، ގަލްފް ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑްގައި މީހުން ނިޔާވެފައި ވަނީ ސައުދީ އަރަބިއްޔާ އިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިއްޔެ އެކަނިވެސް ސައުދީން 744 މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއީ އޮގަސްޓްގެ މެދުތެރެއަށް ފަހު އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑަށް ފައްސިވި ފުރަތަމަ ދުވަހެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޙަރަމްފުޅުގައި ގައިދުރުކޮށް އުޅުނަސް ގައިގޯޅިވެގެން ތިބެ ނެށުމާއި ލަވަކިއުމާއި ރާބުއިމަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ޢާންމު ކަމެކެވެ.