ސީރިޔާގެ ޣޫޠާއަށް، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން، ބަޝާރުގެ ފައުޖުތަކުން ދެމުން ގެންދާ ހަމަލާތަކުގައި، ގަސްދުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމަލާދެމުން ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"އަލް ޖަޒީރާ" އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 22 ޞިއްޙީ މަރުކަޒަކަށްވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. އަދި، މިކަމުގެ ސަބަބުން ހަމަލާތަކުގައި ޒަޚަމްވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ސީރިޔާގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރެއް، އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، އިންސާނުން ދިރިހުރުމުގެ ހުރިހާ މަގެއް ނެތިކޮށްލުމުގެ މަސައްކަތް، ސީރިޔާގެ ސަރުކާރާއި އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.

ޣޫޠާގެ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ދެމުންދާއިރު، ސްކޫލުތަކާއި ބާޒާރުތަކާއި މަދަނީ ދިފާޢީ މަރުކަޒުތަކަށްވެސް ހަމަލާ ދެމުންދާކަމަށް ޣޫޠާގައި ހަރަކާތްތެރިވަމުންދާ މަދަނީ ދިފާޢީ (ސިވިލް ޑިފެންސް) ގެ އޮފިޝަލުން ބުނެއެވެ.

އެސަރަޙައްދުގެ ހާލަތު ގޯސްވެ، އިންސާނީ ކާރިސާއެއްގެ ކޮޅުމަތި ފެންނަމުން ދިޔަކަމުގައިވިޔަސް، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަށް އަދިވެސް އާދެވިފައެއް ނުވެއެވެ. ހަމަލާތައް ހުއްޓާލުމަށް އެދި ކުވައިތާއި ސްވިޑަނުން އިސްވެ އޮވެ، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުވެސް އަދި ވަކި ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. އަދި، މިކަމަށް ސީރިޔާ އާއި ރަޝިޔާއިން ފުރިހަމަ އެއްބާރުލުމެއް ދެމުންނެއް ނުދެއެވެ.