ފްރާންސްގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ މައި ވޭރިއެންޓަކީ މިވަގުތު އޮމިކްރޮން ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފިއެވެ.

ފްރާންސަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ހަ ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެ މަރުވެފައިވާ ގައުމެވެ. އެގައުމުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ބައްޔަށް ފައްސިވާ މީހުން އިތުރުވަމުން އައިސް އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓަށް މީހަކު ފައްސިވެފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

އޮމިކްރޮން އެގައުމުން ފެނުނުތާ މަހެއްހާ ދުވަސް ވެސް ނުވަނީ މި ވޭރިއެންޓް ޖެހުނު މީހުންގެ އަދަދު އިންތިހާއަށް ބޮޑުވެފައިވާ ކަން އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން އެގައުމުގެ ޕަބްލިކް ހެލްތް އޭޖެންސީން ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި ހެދި ޓެސްޓްތަކުގެ 62.4 އިންސައްތަ މީހުން ފައްސިވެފައިވަނީ އޮމިކްރޮން އަށް ކަމަށެވެ. އަދި ވޭޭދަނަތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު 200،000 މީހުންނަށް މި ވޭރިއެންޓް ޖެހިފައިވާ ކަމަށެވެ.

ފްރާންސްއިން މިހާތަނަށް 9,740,600 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 8,037,572 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 1,579,476 މީހުންނަށް މި ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 3،333 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެންނެވެ.

ފްރާންސްއިން މި ބަލި ޖެހިގެން 123,552 މީހަކު ވަނީ މަރުވެފައެވެ.