އީރާނުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލައިމާނީ އަވަހާރަ ކޮށްލުމުގައި އެމެރިކާގައި މިހާރު އޮތް ސަރުކާރުގެ އަތެއް ވެސް ވާކަމަށް އީރާނުން ބުނެފިއެވެ.

އެމެރިކާގައި މިހާރު އޮތް ސަރުކާރަށް ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ތުހުމަތު ކޮށްފައިވާއިރު، ސުލައިމާނީ އަވަހާރަވެފައިވަނީ އެގައުމުގެ ކުރީގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވެރިކަމުގައި ހުރި ދުވަސްވަރު ފޮނުވާފައިވާ ޑްރޯން ހަމަލާއެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.

މި ހަމަލާގައި ސުލައިމާނީ އަވަހާރަވުމާއި ގުޅިގެން ޓްރަމްޕް ބުނެފައިވަނީ ސުލައިމާނީ އަަވަހާރަކޮށްލެވިފައި މާ ލަހުން ކަމަށާއި އޭނާ އަކީ މާ ކުރިންވެސް އަވަހާރަކޮށްލަން ޖެހޭ މީހެއް ކަމަށެވެ. ޓްރަމްޕް ބުނީ ސުލައިމާނީ އަކީ ނިރުބަވެރިއެއް ކަމަށާއި، އޭނާގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އިރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ހަމަލާގެ ފުރިހަމަ ޒިންމާ އެމެރިކާގެ ސަރުކާރުން ނަގަން ޖެހޭ ކަމަށެވެ.

"އެމެރިކާގެ ގާނޫނު ބުނާ ގޮތުގައި ސުލައިމާނީ އަވަހާރަ ކޮށްލުން އެއީ ނިރުބަވެރިކަމެއް. އެކަން ކޮށްފައިވަނީ އެމެރިކާގެ އޭރުގެ ސަރުކާރުން. އެހެން ކަމުން މިހާރުގެ ވައިޓް ހައުސްވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ" އެމެރިކާގެ މިހާރު ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ނިސްބަތްކޮށް އިރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އީރާނުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލަން އެމެރިކާ އިން ދިން ޑްރޯން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޙިލާފްކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، ރަޝިއާގެ ރައީސް އަދި ތުރުކީގެ ރައީސް ވެސް ވަނީ އެކަން ގަބޫލު ކުރައްވާކަން ހާމަ ކޮށްފައެވެ.