ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް މަގާމުގައި ދެމިހުންނަވަން ކުރެއްވި ހުރިހާ މަސައްކަތެއް އެންމެ ފަހުން ބޭކާރުވެ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ އެގައުމުގައި ގެނެސްފައިވާ ބަޣާވާތާއި ދެކޮޅަށް މުޒާހަރާ ކުރަން ނިކުތް ރައްޔިތުން އޭނާގެ އިސްތިއުފާ އަށް ގޮވާލާ ގޮވާލުންތައް ހުއްޓުވޭނެ ގޮތެއް ނުފެނުމުންނެވެ. އަދި ސިޔާސީ ގޮތުން އެއްބަސް ވެވޭ ހުށަހެޅުންތަކެއް ހުށަހެޅުމުގައި އޭނާ ފެއިލް ވުމުންނެވެ.

އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ބަޣާވާތައް ފަހު ބޮޑުވަޒީރު ކަމުން އޭނާ ދުރުކޮށްފައި، ނަމަވެސް އަނެއްކާ އަލުން މަގާމާއި ހަވާލުވިތާ ހަހަފްތާ ފަހުންނެވެ.

އަބްދުﷲ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އަލުން މަގާމާއި ހަވާލުވުމަށް ސިފައިންނާއިއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއެއްބަސްވުން ޑިމޮކްރަސީއަށް ތާއިދު ކުރާ ފަރާތްތަކުން ބަލައެއް ނުގަނެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ ގޮތުން ގައުމާއި މުހާތަބު ކުރައްވާ އަބްދުﷲ ވިދާޅުވީ ސޫދާން އަލުން އަނބުރާ ޑިމޮކްރަސީއަށް ދިއުމަށް މަގުޗާޓެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ސޫދާންގައި ގިނަ ދުވަސްތަކެއް ވަންދެން ކުރި އުމަރު އަލް-ބަޝީރުގެ ވެރިކަން މީގެ ތިން އަހަރު ކުރިން ނިމިގެން ދިޔަ ފަހުން އެގައުމަށް އަދިވެސް ސިޔާސީ ހަމަޖެހުން އަންނަ ގޮތެއް ނުވެއެވެ. ދޭތެރެދޭތެއިން ބޮޑެތި މުޒާހަރާތައް ވެސް އަންނަނީ ކުރަމުންނެވެ.

އަބްދުﷲ އަކީ ކުރިން އދ.ގައި މަސައްކަތް ކުރި އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ސޫދާންގެ ވެރިކަމަށް ވަޑައިގަތުމަކީ ސޫދާންގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމެއް ކަމަށް ކުރިން ލަފާ ކުރެވުނެވެ. އޭނާ ވެރިކަމާއި ހަވާލުވީ ވެސް 2023 ވަނަ އަހަރު ސޫދާންގައި މަލްޓިޕާޓީ އިންތިހާބެއް ބާއްވަން ވައުދު ވެގެންނެވެ. ނަމަވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަބްދުﷲ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ.