ތައިލެންޑުގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވި ވައިލްޑް ބޯރ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ސަލާމަތްކުރެވުމުން، އެތައް ބަޔަކު އުފާ ފާޅު ކުރަމުން އެބަދެއެވެ. އެތައް ދުވަހެއް ވަންދެން، އަނދިރި އަދި ނުރައްކާތެރި ހޮހޮޅައެއްގައި ތާށިވި ކުދިންތައް، ދިރިތިއްބާ ސަލާމަތްކުރެވުމުން، މުޅި ޝިއަންގ ރާއީ ސަރަޙައްދަށްވެސް ވަނީ އުފާވެރިކަން ގެނުވާފައެވެ.

ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކުރެވުމުން އެންމެ ފުރަތަމަ އުފާ ފާޅު ކޮށްފައިވަނީ، މަސައްކަތުގައި ހަރަކާތްތެރިވި ދަރުމަވެރިން (ވޮލަންޓިއަރުން) އާއި އެނޫންވެސް ރެސްކިއު މަސައްކަތްތެރީންނެވެ. އުފާ ފާޅުކުރުމުގެ ގޮތުން އެމީހުންވަނީ ހޮހޮޅަ ސަރަޙައްދުގައި އަޑުގަދަވެސް ކޮށްފައެވެ.

ހަމައެހެންމެ، ޝިއަންގ ރާއީގެ ރައްޔިތުންވެސް ދަނީ، އެތައް ދުވަހަކަށްފު، ކުޑަކުދިންތައް ސަލާމަތްކުރެވުމުން އުފާ ފާޅު ކުރަމުންނެވެ. އެގޮތުން، މުޅި ސަރަޙައްދުގައި، އުފާވެރި ޝުއޫރުތައް ލިޔެފައިވާ ބެނަރ ތައް ދަމާފައިވެއެވެ. މި ބެނަރ ތަކުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް ޝުކުރު އަދާކޮށް، ޝުކުރުގެ ބަސްތަކާއި ޝުއޫރުތައް ލިޔެފައިވެއެވެ.

"މަސައްކަތުގައި ހަރަކާތްތެރިވި ރަސްމީ އަދި އަމިއްލަ މުއައްސަސާތަކަށް، ބޭރުގެ ޑައިވަރުންނަށާއި ނޫސްވެރިންނަށް ޝުކުރު އަދާކުރަން" - ދަމާފައިވާ އެއް ބެނަރގައި ލިޔެފައިވެއެވެ.

ކުޑަކުދިންނާއެކު ތާށިވި 25 އަހަރުގެ ޒުވާނާއަކީ ޓީމުގެ އެސިސްޓަން ކޯޗުކަމަށްވާއިރު، އޭނާއާއި ކުޅުންތެރިން ސަލާމަތްވުމުން، ޓީމުގެ އިސް ކޯޗުވެސް ވަނީ އުފާވެރި ޝުއޫރުތަކެއް ހިއްސާކޮށްފައެވެ.

"ސީއެންއެން" އާ ވާހަކަ ދައްކަމުން، ޓީމުގެ އިސް ކޯޗު، ނޮއްޕަރަތު ކަންތަވޮންގ، ރޭ ބުނެފައިވަނީ އެތައް ދުވަހަކަށް ފަހު ރޭ އޭނާއަށް އަރާމުކޮށް، އުފާވެރިކަމާއެކު ނިދޭނެކަމަށާއި އަދި އެތައް ރެއަކަށްފަހު އޭނާއަށް އުފާވެރި ހުވަފެންތައްވެސް ފެންނާނެކަމަށެވެ. އަދި، އެމީހުން އެންމެ ފުރަތަމަ ފެންނަ ދުވަހު، ގަދައަށް ބައްދާލާނީކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މީސް މީޑިޔާގެ ޒަރީއާއިންވެސް އެތައް ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ރީތިކޮށް ކުރަހާފައިވާ ކުރެހުންތަކުން، ޑައިވަރުންނަށް އެތައް ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. އަދި، ދުނިޔޭގެ ލީޑަރުންވެސް، މިކަމާ ގުޅިގެން އުފާ ފާޅުކޮށްފައިވެއެވެ.

ހޮހޮޅައިގައި ތާށިިވި ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވަނީ އިއްޔެއެވެ.