މީސްމީޑިއާގައި "ބްރެސްޓްފީޑިން" ނުވަތަ ގާތުން ކިރު ދިނުން ޖަހައިފިނަމަ ވަރަށް ގިނަ ފޮޓޯތައް ފެންނާނެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކަކީ މައިމީހާގެ ހުއްދައާއި އެކީ ނަގާފައިވާ ފޮޓޯތަކެއް ނަމަވެސް ބައެއް ފޮޓޯތައް ހުއްދައާއި ނުލާ ވެސް ނަގާފައި ހުންނާނެވެއެވެ.

އެގޮތަށް ނަގާފައިވާ ބައެއް ފޮޓޯތަކުގެ ސަބަބުން ބައެއް މައިންތައް ނުރުހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި އިންގްލޭންޑްއާއި ވޭލްސްގައި މިހާރު ވަނީ އެގޮތަށް ފޮޓޯ ނަގާނަމަ ޖަލަށް ލާނެ ކަން ހާމަ ކޮށްފައެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އެ ޕްރޮޕޯޒަލް އަދި ފާސްކޮށްފައި ނުވީ ނަމަވެސް އެ ޕްރޮޕޯޒަލް ފާސްވެއްޖެނަމަ އެފަދަ ފޮޓޯތައް ނަގާ ފަރާތްތަކުން މަދުވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

އެގައުމުގެ ޖަސްޓިސް ސެކްރެޓަކީ ޑޮމިނިކް ރާބް ބުނެފައިވަނީ އެ ޕްރޮޕޯޒަލް ފާސްވެއްޖެ ނަމަ އަންހެނުންނަށް ކުރާ ފުރައްސާރަ ވެސް މަދު ވެގެންދާނެ ކަމަށާއި އަންހެނުންނަށް ވެސް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

"އާ މަންމައަކަށް ވެސް މި ގޮތަށް އުނދަގޫ ކޮށްގެން ނުވާނެ. އަޅުގަނޑުމެން މިތިބީ، އަންހެނުންގެ ޙިމާޔަތުގައި، އަންހެނުންނަށް ރައްކާތެރި ކަމުގެ އިޙްސާސްކޮށް، ޢަދުލު އިންޞާފުގެ ނިޒާމަށް މިހާރަށްވުރެ ބޮޑު އިތުބާރެއް ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޢަޒުމް ކަނޑައަޅައިގެން." އޭނާ ބުނެފައިވެއެވެ.

އިންގްލޭންޑާއި ވޭލްސްގައި މިފަދަ ފޮޓޯތައް ނެގުން ގާނޫނީ ކުށަކަށް ހަދަން ނިންމާފައިވާއިރު، މެންޗެސްޓާގެ ނަން މަޝްހޫރު ޑިޒައިނަރަކު ވެސް ވަނީ މީސްމީޑިއާގައި އެފަދަ ފޮޓޯތައް އާންމުންގެ މީހުން ނަގަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށް ކެމްޕޭނެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ކޮންމެހެން ފޮޓޯ ނަގަން ޖެހޭތަ ؟ އަޖައިގެއް ކަހަލަ ބައެއް އިންސާނުންމީ

    13
  2. Anonymous

    ދެން އެނޫން ކަމެއް ކުރަން ނޭނގޭ ބައެއް ތަ؟.. މީހާރު އުޅޭ މީހުންގެ ގޮތް... ތިބުނީ ހަމަ ތެދެއް.. ވަކިން ފޮޓޯ ނަގަން ޖެހޭތަ 😤