އުމުރުން އެންމެ ހަތަރުގެ އަހަރުގެ ޙަސަނުގެ ގައިގައި، ވަރަށް މަދުން ނޫނީ ނުފެން ބާވަތެއްގެ ޓިއުމަރެއް ދިޔައީ އުފެދެމުންނެވެ. އޭނާގެ ގައިގައި އުފެދެމުން ދިޔަ ޓިއުމަރުގެ ސަބަބުން، އޭނާގެ ހަށިގަނޑު ދިޔައީ އުމުރަށް ވުރެ މާ އަވަހަށް ދޮށީ ވަމުންނެވެ. މިކަމުގެ ސަބަބުން، ބަލާބެލުމަށްވެސް އެއީ، އެއުމުރުގެ ކުއްޖެއްހެން ހީނުވާ މިންވަރަށް ކަންތައްތައް ދިޔައެވެ.

އިރާޤުގެ އަވަށަކަށް ނިސްބަތްވާ ޙަސަނުގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދިފައިވާކަން ދެނެގަނެވިފައިވަނީ، އޭނާގެ މައިންބަފައިން، އެކި ހޮސްޕިޓަލުތަކަށް ގޮސްގެން، އޭނާ އުމުރަށް ވުރެ އަވަހަށް ބޮޑުވާ މައްސަލަ ހޯދަން އުޅުމުގެ ތެރޭގައެވެ. އިރާޤުގެ ޑޮކްޓަރުންނަށް، އޭނާގެ އަތުގައި ފުއްޕައިން އަރާފައިވާ ތަނެއް ފެނުނުއިރު، އިތުރަށް ބެލި ބެލުމުން، ޓިއުމަރުގެ ސަބަބުން ކިޑްނީ އަށާއި ފުއްޕާމެއަށްވެސް ގެއްލުން ވެފައިވެއެވެ.

ޑޮކްޓަރުންނަށް ހޯދުނު ގޮތުގައި މި ޓިއުމަރު އިނީ ޙަސަނުގެ އެޑްރެނަލް ގްލޭންޑް ގައެވެ. އެތަނަކީ ސްޓެރޮއިޑް ހޯމޯން އުފައްދާ ތަންކަމަށްވާއިރު، ކުއްޖާއަށް ދުވަސްވާކަން ދައްކަނީ އެތަނުގެ ސަބަބުންކަމަށް ވަނީ ދެނެގަނެވިފައެވެ. އެތަނުގެ ވަށައިގެން، މުޙިއްމު އެތައް ލޭހޮޅިއެއްވާއިރު، އެތަކެތިން، މި ޓިއުމަރު އިތުރަށް ވަރުގަދަ ވުމަށް ދިޔައީ މަގުފަހިވަމުންނެވެ.

މި ޓިއުމަރު ނެގުމުގެ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއްކަމުން، މިކަން ކުރުމުގެ އޮޕަރޭޝަން ކުރުމަށް އެތައް ހޮސްޕިޓަލަކުން ވަނީ ދެކޮޅު ހަދާފައެވެ. މިހެން އޮއްވާ މިކަން ކުރަން އެއްބަސްވެފައިވަނީ އަވަށްޓެރި އިންޑިޔާގެ ފަރީދާބާދުގައި ހުންނަ ހޮސްޕިޓަލަކުންނެވެ. އެހޮސްޕިޓަލުން، މި އޮޕަރޭޝަން ކުރުމުގައި އިސްކޮށް މަސައްކަތް ކޮށްފައިވަނީ ޑރ. މަނީޝް ކުމާރު ޗައުދަރީ އެވެ.

އޭނާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރުމަށް ނުވަ ގަޑިއިރު ހޭދަވިއެވެ. އެންމެ ފުރަތަމަ ނިއުރޯސާޖަނުން މަސައްކަތްތަކެއް ކުރިއިރު، ފަހުން އޯޕަން ހާޓް ސާޖަރީއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޮޕަރޭޝަން ނިންމާ، ކާމިޔާބުކަމާއެކު ޓިއުމަރު ނެގިފައިވީނަމަވެސް، ޙަސަނުގެ ހަށިގަނޑަށް ކެންސަރުގެ އަސަރުކޮށްފައިވުމުން، ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީ ހަދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު