ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފައިސާ ވަގަށް ނެގި މައްސަލަ ބަލައި ރައްޔިތުންގެ ކުރިމަތީގައި ހާމަކުރުމަށް ޕާކިސްތާން މުސްލިމް ލީގް(ޕީއެމްއެލް)ގެ ލީޑަރު އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ގޮވާލައްވައިފިއެވެ.

ނަވާޒް އެގޮތަށް ވިދާޅުވެފައި މިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ޝެހްބާޒް ޝަރީފާއި މަރިޔަމް ނަވާޒް ހިމެނޭ ގޮތަށް އެ ގައުމުގެ ސެންޓްރަލް އަދި ޕަންޖާބުގެ ލީޑާޝިޕުން ބައިވެރިވި ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނަވާޒް ޝަރީފް އޭނާގެ ޕާޓީގެ މެމްބަރުންނަށް އެގޮތަށް އަންގަވާފައި މިވަނީ، ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަން (އީސީޕީ)ގެ ތަހްގީގު ކޮމިޓީގެ ރިޕޯޓަކުން، އިމްރާން ޚާން ބޭރުގެ ފަންޑުތަކުން ލިބުނު އެތައް މިލިއަން ފައިސާއެއް ފޮރުވާފައިވާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ.

ނަވާޒް ވިދާޅުވީ އިމްރާން ޚާންގެ ނަޒާހަތްތެރި ސިފަ މިހާރު ނެތް ކަމަށާއި އެ ސިފަ އޭނާގެ ފަރާތުން ފަނޑުވެއްޖެ ކަމަށެވެ.

"އިންސާފު" ލިބެންދެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެގެވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދިނުމަށް ޕާޓީގެ މެމްބަރުންނަށް ނަވާޒް ވަނީ އަންގަވައިފައެވެ. ޕާޓީގެ މެމްބަރަކާއި ހަވާލަދީ މީޑިޔާއަކުން ބުނީ ޝަރީފް ޕީއެމްއެލް ލީޑަރުންނަށް ވިދާޅުވީ އެ މި މައްސަލަ އަސްލަށް ނިމުމަކަށް އަންނަންދެން މައްސަލަ ނުބަލައި ދޫކޮށްނުލެއްވުމަށެވެ.

ސިއްހީ މައްސަލައަކާއި ގުޅިގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނަވާޒް ޝަރީފް ހުންނަވަނީ ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. ނަވާޒް ވަނީ ބޮޑުވަޒީރު އިމްރާން ޚާންގެ މަކަރާއި ހީލަތް ހުރިހާ ޕްލެޓްފޯމްތަކެއްގައި ހާމަކުރުމަށް ޕާޓީގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާން

    މިވެސް ދެން ޙަބަރޯލަ!

  2. މަހައްތިއާ

    ޝަރިއްޕެ ތިވާހަކަ ދައްކާކަށް މާރީއްޗެއްނޫން. ޝަރިއްޕެގެ ވެރިކަމުގައި ކިތައް ސަތޭކަ މިލިއަން ޑޮލަރެއް ފެންފޮދަކާއި ނުލައި ދިރުވާލީ. އިމްރާން އަކީ މާދީނީ މީހަކަށް ވެގެން އުޅުނަސް ދީނުގެ ކަންފުޅެއްވެސް ހުރި މީހެއްނޫން. ފުރަތަމަ އިނީ ވެސް ޔަހޫދީ ބިލިއަނަރެއްގެ އަންހެން ދަރިއަކާޢި. އޭރު އެ އަންހެންކުއްޖާ ޖެމިމާ ގޮލްޑް ސްމިތް އަކީ އިމްރާން ގެ ދަރިއެއްހާ ޅަކުއްޖެއް. ދެމީހުންނަށް އެކުގައި ނޫޅެވިގެން ވަރިވީ.