މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ބޭންކް ކައުންޓް ފްރީޒްކޮށްފިއެވެ.

"ފޭސްބުކް" ގައި މިއަދު އާއްމުކުރެއްވި ޕޯސްޓެއްގައި ނަޖީބު ވިދާޅުވީ އެކައުންޓް ފްރީޒްކޮށްފައިވަނީ ކުރިން އެންގުމަކާއި ނުލައި ކަމަށާއި އެ އެކައުންޓަށް ޖަމާވާނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރިއިރު ލިބުނު އެލަވަންސާއި ޕަހަންގުގެ ޗީފް މިނިސްޓަރުކަމުން ލިބޭ ޕެންޝަން ކަމަށެވެ.

އަދި އެކައުންޓް ފްރީޒްކޮށްފައިވާކަން އެނގުނީ އޭނާގެ އަންހެން ދަރިފުޅުގެ ބޭސްފަރުވާއާ ގުޅުންހުރި ބިލެއް ދައްކަން ދިން ޗެކެއް ބައުންސްވުމާ ގުޅިގެން ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.

"އަހަންނަކީ ވެސް ބިލްތައް ދައްކަންޖެހޭ ފަރާތެއް. މެޑިކަލް ބިލްތަކާއި އެހެނިގެން ހަރަދުތައް އަހަރެންވެސް ކުރަންޖެހޭ. ކަމާބެހޭ ފަރާތްތަކުން އަހަރެންގެ ބޭންކް އެކައުންޓު ފްރީޒް ކުރުމުން މި ރޯލު އަދާކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި" ނަޖީބު ވިދާޅުވިއެވެ.

ނަޖީބުގެ ބޭންކް އެކައުންޓު ފްރީޒްކޮށްފައިވާއިރު، ކޮރަޕްޝަނުގެ ތުހުމަތުގައި ދާދިފަހުން އޭނާ ހައްޔަރުވެސް ކޮށްފައިވެއެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މެލޭޝިއާގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 1އެމްބީޑީގެ އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްލައެއްގައި އޭނާގެ އަތެއް އޮތް ކަމަށެވެ. އޭގެ ތެރެއިން 700 މިލިއަން ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ވެސް ވެއެވެ.

މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރަނީ ނަޖީބުގެ މައްޗަށް މައްސަލަ ސާބިތު ކުރަން ބޭނުންވާ ހެކި އެބަ ހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު