ދުނިޔެ އިން އިއްޔެ 3.1 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އިއްޔެ އަކީ މިބަލިމަޑުކަން ފެށުނުނު ފަހުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 814000 މީހުން ފައްސިވިއެވެ. ދެން އެންމެ ގިނަ މީހުން ފައްސިވި ފްރާންސުން 361000 މީހުން ފައްސިވިއެވެ. ފްރާންސަކީ މިހާރު އެންމެ އަވަހަށް ހާލަތު ގޯސްވަމުން އަންނަ ގައުމެވެ.

އިންޑިއާގެ ހާލަތު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އިއްޔެ އިންޑިއާ އިން 241000 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޑިސެމްބަރ މަހުން ފެށިގެން އިތުރުވަމުން އަންނައިރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް އިއްޔެ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ ކޮވިޑް ޖެހިގެން 8500 މީހުން މަރުވިއެވެ. އިއްޔެ އަކީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިގެން ދުނިޔެ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދަށް ބަލާއިރު ދާދިއަވަހަށް ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ގައުމު ފުރަބަންދު ކުރުން ފަދަ ފިޔަވަޅުތައް އަޅަން މިހާރު ގިނަ ގައުމުތަކުން ބޭނުމެއް ނުވެއެވެ. ސަބަބަކީ ފުރަބަންދު ކުރުމުން އިގްތިސޯދީ ގޮތުން ލިބޭ ގެއްލުންތައް ބޮޑުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު