ރަޝިއާ އިން ޔޫކްރޭނަށް އަރައިގަންނަން އުޅޭކަމަށް ބުނެ ހޫނުވެފައިވާ މަސްރަހު ފިނިކުރުމަށް އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ރަޝިއާ އާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

ހަފްތާއަކަށް ދިގުދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު ރަޝިއާ އިން ބުނީ މަޝްވަރާތައް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުންނާއި ރަޝިއާ އިން ގަބޫލުކުރާ އެންމެ އަސާސީ ކަންތައްތަކާއި ގުޅޭ ގޮތުން ވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށް ރަޝިއާ އިން ބުނެއެވެ.

ނަމަވެސް ރަޝިއާގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ދެބުރަށް ޖެނީވާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ރަނގަޅު ކަންތައްތަކެއް ވެސް ފާހަގަ ކުރެވުނު ކަމަށެވެ.

ޖެނީވާގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު މިއަދު އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވިއެނާގައެވެ. މިއަދުގެ ބައްދަލުވުމުގައި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)ގެ މަންދޫބުންނާއި ރަޝިއާގެ މަންދޫބުން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އިން ބާރުއަޅަނީ ޔޫކްރޭނާއި ރަޝިއާ ވަކިކުރާ ސަރަހައްދީ އިމުން ދުރަށް ރަޝިއާ ސިފައިންގެ ލަޝްކަރުތައް ޖައްސާށެވެ. ނަމަވެސް ސިފައިންގެ ލަޝްކަރުތައް ޔޫކްރޭންގެ ސަރަހައްދީ އިމުން ދުރުކުރަން ރަޝިއާ އިން އެއްބަހެއް ނުވެއެވެ.

ސިފައިންގެ ލަޝްކަރުތައް ފަހަތައް ނުޖެއްސިނަމަވެސް ޔޫކްރޭނަށް އަރަން މަސައްކަތް ނުކުރާނެ ކަމަށް ރަޝިއާ އިން ބުނެއެވެ. ނޭޓޯގެ ގައުމުތަކުންނާއި އެމެރިކާ އިން ރަޝިއާގެ އެވާހަކަތައް ގަބޫލެއް ނުކުރެއެވެ.

މަޝްވަރާތަކަށް ފަހު ޕޮލެންޑްގެ މަންދޫބުން ވިދާޅުވީ ރަޝިއާގެ އަމަލުތައް ހުރިގޮތުން ކަށަވަރު ވެެގެން ދަނީ ދާދިއަވަހަށް ނޭޓޯގެ ގައުމުތަކާއި ދެކޮޅަށް ރަޝިއާ އިން ހަނގުރާމައެއް ފަށާފާނެ ކަމެވެ. ޔޫކްރޭނަށް ރަޝިއާ އިން އަރައިފިނަމަ ނޭޓޯގެ ގައުމުތަކުން ރަޝިއާ އަށް ރައްދު ދޭނެ ކަމަށާއި އެހާލަތުގައި ހަނގުރާމަ ފެށިގެން ދާނެ ކަމަށް ޕޮލެންޑްގެ މަންދޫބުން ވިދާޅުވިއެވެ.

އޯއެސްސީއީގެ ބައްދަލުވުމުގައި ޕޮލެންޑްގެ ހާރިޖީވަޒީރު ޒިގްނިއޯ ރައޫ ވަކިގައުމެއްގެ ނަން ވިދާޅުނުވެ ނަމަވެސް ރަޝިއާ އަށް އިޝާރާތްކޮށް ވިދާޅުވީ ވަކިގައުމެއްގެ އަމަލުތައް ހުރި ގޮތުން ފާއިތުވި 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރަޕްގައި ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމަށެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައިގެންފާނެ ކަމުގެ ބިރު ބޮޑުވުމުން އެމެރިކާގެ ރައީސް ބައިޑެން ވަނީ ދާދިފަހުން ރަޝިއާގެ ރައީސް ޕޫޓިން އާއި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. އެމަޝްވަރާތަކުގައި ވެސް ޕޫޓިން ވަނީ ޔޫކްރޭނަށް ރަޝިއާ ސިފައިން ނާރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ޔޫކްރޭންގެ ސަރަހައްދީ އިމަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އަވަހަށް ފަށާ ހަނަގުރާމަ ތިޔޫރަޕު އެބަޖެހޭ މައިތިރިވާން.

    13
    2