ޔޫކްރޭންގެ މައްސަލައިގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ސަރުކާރުން ނިންމައިފިނަމަ އެމެރިކާ އާއި ގުޅުން ކަނޑާލާނެ ކަމަށް ރަޝިއާ ސަރުކާރުން ބުނެފިއެވެ.

އެމެރިކާ އިން އެކި ގައުމުތަކުގެ އިސް ވެރިންނާއި މެދު ދަތިކުރުމުގެ ފިޔަވަޅުތައް ދޭތެރެދޭތެރެއިން އަރައެވެ. މިހާރު ވެސް އީރާނާއި، ޗައިނާ، ރަޝިއާ އަދި ބައެއް އެހެން ގައުމުތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވެއެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިއާގެ ރައީސް އަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެއީ އެމެރިކާ އިން އަމިއްލައަށް ހަދާ ބޮޑު ގޯހެއް ކަމަށެވެ. "އެއީ ރަޝިއާ އާއި ގުޅުން ކަނޑާލުމަށް ގަސްދުގައި އެމެރިކާ އިން ހަދާ ގޯހެއް. އެފަދަ ކަމެއް އެމެރިކާ އިން ކޮށްފިނަމަ ރަޝިއާ އިން އެމެރިކާ އާއި ގުޅުން ކަނޑާލާނަން." ޑިމިޓްރީ ވިދާޅުވިއެވެ.

އެމެރިކާ އާއި ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ރަޝިއާ އިން ދީފައި މިވަނީ ޔޫކްރޭން މައްސަލައިގައި ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ވެރިކަންކުރާ ޕާޓީގެ އެންމެ ސީނިއާ ސެނެޓް މެންބަރުންގެ ތެރޭގައި ހިމެނޭ ބޮބް މެނެންޑޭޒް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

ރަޝިއާ އިން މަސައްކަތް ކުރަމުން ދަނީ ޔޫކްރޭނަށް އަރަން ކަމަށް ތުހުމަތުކޮށް އެމެރިކާ އިން ވަނީ ޔޫރަޕްގެ ގައުމުތަކާއި އެކު މިދިޔަ ހަފްތާއެއްހައި ދުވަހު ރަޝިއާގެ ޑިޕްލޮމެޓުންނާއި މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. ނަމަވެސް އެމަޝްވަރާތައް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބު ވެގެންނެވެ.

ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އިން ބާރުއަޅަނީ ޔޫކްރޭނާއި ރަޝިއާ ވަކިކުރާ ސަރަހައްދީ އިމުން ދުރަށް ރަޝިއާ ސިފައިންގެ ލަޝްކަރުތައް ޖައްސާށެވެ. ނަމަވެސް ސިފައިންގެ ލަޝްކަރުތައް ޔޫކްރޭންގެ ސަރަހައްދީ އިމުން ދުރުކުރަން ރަޝިއާ އިން އެއްބަހެއް ނުވެއެވެ.

ސިފައިންގެ ލަޝްކަރުތައް ފަހަތައް ނުޖެއްސިނަމަވެސް ޔޫކްރޭނަށް އަރަން މަސައްކަތް ނުކުރާނެ ކަމަށް ރަޝިއާ އިން ބުނެއެވެ. ނޭޓޯގެ ގައުމުތަކުންނާއި އެމެރިކާ އިން ރަޝިއާގެ އެވާހަކަތައް ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު