އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން 100 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރުކޮށް އަދި މާސްކް އެޅުން ވެސް މަޖުބޫރުކޮށް ނެރެފައި އޮތް އެންގުމަށް އަމަލު ކުރުން އެގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނިންމުމެއްގެ ދަށުން ވެކްސިން މަޖުބޫރު ކުރުމުގެ އެންގުން ނެރެފައި ވަނީ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަނުންނެވެ. އެނިންމުމަށް އަމަލު ކުރަން ފަށަން ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ.

ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަންގެ އެންގުމުގައި ބުނެފައި އޮންނަނީ 100 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށާއި ވެކްސިން ނުޖަހާ މުވައްޒަފުން ހަފްތާއަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި މާސްކް އެޅުން މުވައްޒަފުންނަށް މަޖުބޫރު ވާނެ ކަމަށެވެ.

އެމެރިކާ ސުޕްރީމް ކޯޓުގެ ހަފަނޑިޔާރަކު ތާއިދު ކުރެއްވި އަޣުލަބިއްޔަތު ރައުޔުގައި ވިދާޅުވީ ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަނަށް ލިބިފައި އޮތް ބާރަކީ މަސައްކަތުގެ މާހައުގެ ސޭފްޓީ ސްޓޭންޑާޑްތައް ކަނޑައެޅުން ކަމަށެވެ. އެއިދާރާއަކީ އަކީ އާއްމު ސިއްހަތާއި ގުޅުން ހުރި ނިންމުންތައް ނިންމުމާއި އާއްމު ސިއްހަތާއި ގުޅުން ހުރި ކަންކަން ތަންފީޒު ކުރުމުގެ ބާރު ލިބިފައި އޮތް އިދާރާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ޖަހަން މަޖުބޫރު ކުރުން އެއީ ކޮވިޑް ފެތުރެން އޮތް ހުރިހާ ފުރުސަތެއް ނެތިގެން ދާނެ ކަމެއް ވެސް ނޫންކަން ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ވަޒީފާއަށް ނިކުންނަ މުވައްޒަފުން ވެކްސިން ޖަހަން މަޖުބޫރު ކުރާއިރު ގޭތެރެއިން، ސްކޫލުން، މަގުމަތިން ނުވަތަ މީހުން އެއްވާ އެހެންތަނަކުން ވެސް މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަންގެ ނިންމުމަކީ އެމެރިކާގެ ސެނެޓުން އެއިދާރާ ހިންގުމަށް ފާސްކޮށްފައި އޮތް ގާނޫނުން ލިބިދޭ ބާރުތަކަށްވުރެ ބޮޑެތި ބާރުތަކެއް ބޭނުން ކޮށްގެން ނިންމާފައިވާ ނިންމުމެއް." ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ މިނިންމުމާއިއެކު އެމެރިކާގެ އާބާދީގެ %80 އަށް ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތައް ހުރަސް އެޅޭނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    މީ މިކިޔާ އަދުލު ވެރިކަމަކީ
    ހަމަޔެއް ލަމެއްނެތި ހިތުހުރިގޮތަކަށް ބާރުގެ ބޭނުންކޮށް އަސާސީ ޙައްގުތަކުން މީހުން މަހުރޫމުކުރުވައި މަޖުބޫރު ކުރުވައިގެން ވެކްސިންޖެހު އެބަޖޭހޭ ނޫންތޯ ހުއްޓާލަން.

    • ހޭޖެހޭ

      ތެދެއް އަހުމަދާ ބުނާކަށް. މިޔެއް އެބަޖެހޭ ވެކުސިން ޖެއްސަސް ނުޖެއްސަސް. ދެން ކޮންފަދަ ފޮރޮއްޕާނެއް މީހުނަށް ކުރާކަން ވެކުސިން މަޖުބޫރުކޮށްގެން