އިނގިރޭސިވިލާތުގެ ޕްރިންސް ފިލިޕް އަވަހާރަވުމުން ވެސް ބޮޑުވަޒީރުގެ ގަނޑުވަރު ޑައުނިން ސްޓްރީޓްގައި ޕާޓީ ކުރި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފިލިޕް އަވަހާރަވުމުން ވެސް ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީ ކުރިކަން ބޭޒާރުވުމަކީ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ކުރިމަތިވެފައިވާ "ޕާޓީގޭޓް" މައްސަލަ އަނެއްކާވެސް އިތުރަށް ގޯސްވެގެން ދާނެ ކަމެކެވެ.

މިހާރު އެނގިފައިވާ ގޮތުގައި ޕްރިންސް ފިލިޕް އަވަހާރަވެ، އެމަނިކުފާނު ފަސްތާނުލާން ހަމަޖެއްސި ދުވަހުގެ ކުރީ ރޭ ބޮޑުވަޒީރުގެ ގަނޑުވަރުގައި މުވައްޒަފުން ވަނީ މަސްތުވެގެން ތިބެ ބޮޑު ޕާޓީއެއް ބާއްވާފައެވެ. އޭރު އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ގޯސްވެ ރައްޔިތުން ތިބީ ފުރަބަންދުކޮށްފައެވެ.

އޭރު އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު އޮތްގޮތުން ރާނީ އެލިޒަބަތު ވެސް ޗާޗްގައި އިންނަވަން ޖެހުނީ ވަކިން ގިނިކަންޏާއެވެ.

ޕްރިންސް ފިލިޕް އަވަހާރަވެ، ފަސްތާނުލުމުގެ ކުރިން ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީ ކުރިކަން ބޭޒާރުވެފައި މިވަނީ މެއި މަހު ބޮޑުވަޒީރު ޖޯންސަން 100 ވަރަކަށް މީހުން ގަނޑުވަރަށް ގެނެސް ޕާޓީ ކުރިކަން ބޭޒާރުވެ އޭނާގެ ސިޔާސީ ކުރިމަގާއިމެދު ވެސް ސުވާލު އުފެދިފައި ވަނިކޮށެވެ.

މީގެ ކުރިން ވަނީ 2020 ވަނަ އަހަރު ޑިސެމްބަރ މަހު ވެސް ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީއެއް ބާއްވާފައެވެ. އެފަހަރު ޕާޓީގައި 25 މިނެޓް ވަންދެން ބައިވެރިވި ކަމަށް ޖޯންސަން ވަނީ ކުރިން އިއުތިރާފުވެފައެވެ.

"ޑެއިލީ ޓެލެގްރާފް" އިން ބުނީ ޕްރިންސް ފިލިޕް އަވަހާރިވެ އިނގިރޭސިވިލާތް ހިތާމައިގައި ވަނިކޮށް ބޮޑުވަޒީރުގެ ގަނޑުވަރުގައި ބޭއްވި ޕާޓީ ފުރަތަމަ ކުރިއަށް ދިޔައީ ގަނޑުވަރުގެ ދެތަނެއްގައެވެ. ނަމަވެސް ފަހުން ޕާޓީ ކުރަން ތިބި އެންމެން އެއްތަނަކަށް ޖަމާވިއެވެ. އޭރު އެމީހުން ތިބީ ބަނގުރާ ބޮއެގެން ކަމަށާއި އެމީހުން ދިޔައީ މިއުޒިކް ޖަހައި، މިއުޒިިކާއި އެއްވަރަށް ނަށަމުން ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ޕްރިންސް ފިލިޕް އަވަހާރަވެފައި ވަނިކޮށް ޕާޓީ ކުރިއަށް ގެންދިޔައީ ބޮޑުވަޒީރުގެ ގަނޑުވަރުގައި ކަމަށް ވީނަމަވެސް އޭރު ބޮޑުވަޒީރު ޖޯންސަން ގަނޑުވަރުގައި ނެތް ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ ރައްޔިތުން ގޭގައި ބަންދު ކުރުމަށް ފަހު ބޮޑުވަޒީރު ޖޯންސަން ޕާޓީ ކުރެއްވި މައްސަލަތަކާއި ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ލޭބާ ޕާޓީން ގެންދަނީ ގޮވާލަމުންނެވެ.

ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރު އެންޖެލާ ރޭނާ ވިދާޅުވީ ބޮޑުވަޒީރުގެ އަމަލުތައް ކިޔައިދޭނެ ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. "ބޮޑުވަޒީރު ވަނީ ބޮޑުވަޒީރު ގަނޑުވަރުގެ ޒަމާންވީ އާދަކާދަތަކާއި އަދި ހިފަހައްޓަން ޖެހޭ އަހްލާގީ މިންގަނޑުތަކާއި ވެސް ހިލާފުވެފައި." އެންޖެލާ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީތައް ބޭއްވި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމާއި ގުޅިގެން މީޑިއާތަކުން ކުރަމުންދާ ރިޕޯޓްތައް ބޮޑުވަޒީރުގެ ގަނޑުވަރުން ދޮގެއް ނުކުރެއެވެ.

ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި "ޕާޓީގޭޓް" މައްސަލައިގައި ޖޯންސަން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުން ގާތެވެ. ނަމަވެސް ޖޯންސަން މިހާތަނަށް ފާހަގަ ކުރެވެނީ ވަރަށް ބޮޑަށް ބުނާ ބަހުގައި ހިފަހައްޓަވާ އަދި އޭނާ ގަބޫލުކުރާ ކަންކަން ދޫކޮށްނުލައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަވާސް

    ޑެއިލީ ޓެލެގުރާފަކުން ނުއެއް ބުނާނެ. އޭގައި ޝާއިއު ކުރާނީ.. ނުވަތަ ހާމަކުރާނީ. އެއީ އިންސާނެއްނޫން ބުނެ އުޅޭކަށް.

  2. ރަން ރީނދޫ

    ފިލިޕް މަރުވިޔަސް ޕާޓީ ކުރެވެން ޖެހޭނެ. މިކަމުގައި ބޮޑުވަޒީރު ގެ ކުށެއްނެތް.

    4
    2