ޕިލިޕީންސްއަށް މިދިޔަ މަހު އެރި ތޫފާން ރާއީ އަށް ފަހު، އެ ގައުމުގައި ބޭރަށް ހިންގުމާއި ހުން ފެތުރި ނުވަ މީހަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

މިކަން ކުރިމަތިވެފައި ވަނީ މިދިޔަ މަހު އެ ގައުމަށް އެރި ތޫފާނަށް ފަހުއެވެ. އޭގެ ފަހުން އެތައް މިލިއަން ބަޔަކު ހާލުގައި ޖެހި، ސާފު ބޯފެނާއި ކާބޯތަކެތި ނުލިބޭ ހިސާބަށް ވަނީ ގޮސްފައެވެ. މިއާއެކު އެހީގެ އޮފިޝަލުން ވަނީ ސިއްހީ ކާރިސާއެއްކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެ ތޫފާން އެ ގައުމުގެ ދެކުނު އަދި މެދުތެރޭގެ ރަށްތަކަށް އަރާފައި ވެއެވެ. އަދި އެތައް ހާސް ބައެއްގެ ގެދޮރު ހަލާކުވެ، 400 އަށް ވުރެ ގިނަ މީހުން މަރުވިތާ އަދި ވީ ތިން ހަފްތާއެވެ.

މި ތޫފާނުގެ ސަބަބުން ގެދޮރު ނެތި މަގުމަތިވެފައިވާ ރައްޔިތުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ފިލިޕީންސްގެ ވަފުދުގެ ވެރިޔާ އަލްބާޓޯ ބޮކަނެގްރާ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި މީހުން ވަރަށް ބޮޑަށް ބަލިވެ، މަރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ސާފު ބޯފެނާއި ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވާސިލްނުވެވި އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައި". އެ ބަޔާނުގައި ވެއެވެ.

ފިލިޕީންސްގެ ހެލްތު ޑިޕާޓްމެންޓުގެ ރީޖަނަލް އޮފީހުން ބުނީ ޑިނާގަޓް އައިލެންޑްސް އާއި އަވަށްޓެރި ރިސޯޓް ރަށެއް ކަމަށްވާ ސިއަރްގާއޯ އިން ނުވަ މީހަކު މަރުވީ ޑައިރިއާގެ ސަބަބުން ޑީހައިޑްރޭޓް ވެގެން ކަމަށެވެ.

ޑިޕާޓްމެންޓްގެ ތަރުޖަމާނު އެރުނެސްޓޭ ޕަރޭޖާ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތޫފާން އެރި ފަހުން މިހާތަނަށް ޖުމްލަ 895 ވޭދަނަ އެތަނުގައި ރެކޯޑް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ތޫފާނުގެ ސަބަބުން ގެދޮރު ހަލާކުވެފައިވާ މީހުންގެ ތެރެއިން ކަމަށެވެ.