އިސްރާއީލްގައި ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަަ ޑޯޒް މިހާތަނަށް ބައި މިލިއަން މީހުންނަށް ދީފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ވެކްސިންގެ ހަތަރު ވަނަ ޑޯޒު ޖެހުމުން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައި ދިރާސާ ކުރުމަށްފަހު މި ޑޯޒު އެގައުމުގައި ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު އެގައުމުގެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ހަތަރު ވަނަ ޑޯޒު ދީފައެވެ.

އެގައުމުގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ވެކްސިންގެ ހަތަރު ވަނަ ޑޯޒު ފުރިހަމަ ކުރުމުން ބޮޑު ވަޒީރު ނަފްތަލީ ބެނެޓް ވަނީ އެޑޯޒު ޖެހި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.

"އިސްރާއީލުގެ ވެކްސިން ޕްރޮގްރާމް މިވަނީ އިތުރު ހަރުފަތަކަށް ގެންދެވިފައި" އޭނާ ބުންޏެވެ.

އިސްރާއީލުގައި ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޮޒެއް ދޭން ފަށާފައިވާއިރު، އެގައުމުން އިތުރު 23،477 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,718,989 އަށް އަރާފައެވެ. އަދި އިތުރު ފަސް މީހަކު ބަލީގައި މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 8،298 އަށް ވެސް އަރާފައެވެ.

އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 1,462,522 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު މި ބައްޔަށް ފައްސިވެފައިވަ ތިބީ 248,169 މީހެކެވެ. އޭގެ ތެރެއިން 317 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު