އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ސިއްހީ ހިދުމަތްތެރިންގެ ދަތިކަން ކުރިމަތިވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ނެރެފިއެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލު ކުރުމަށް ފުރަތަމަ ނޭޝަނަލް ގާޑްގެ 100 ސިފައިން ނެރެފައިވާ ކަމަށެވެ. ނޭޝަނަލް ގާޑަކީ އެމެރިކާގެ ރިޒާފް ފޯސްގެ ގޮތުގައި އޮންނަ ސިފައިންގެ ލަޝްކަރެކެވެ. މިލަޝްކަރުގައި ހަތަރުލައްކަ ސިފައިން ތިބެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ހާލަތައް އަންނަ ބަދަލުތައް ބެލުމަށް ފަހު އިތުރު ސިފައިން ނެރެން ޖެހޭނަމަ އިތުރު ސިފައިން ސިއްހީ އޮފިޝަލުންނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތައް ނެރޭނެއެވެ.

މިހާރު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރުނު ސިފައިންގެ ތެރެއިން ބައެއް ސިފައިން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާއިރު ބައެއް ސިފައިން މަސައްކަތް ކުރާނީ ކޮވިޑް ޓެސްޓް ހަދާ ސައިޓްތަކުގައެވެ. ސިފައިން މިހާރު އަދާކުރަމުން ގެންދާ މަސްއޫލިއްޔަތުތައް އަދި އަދާކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ.

އެމެރިކާގައި ވެސް ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ގޯސްވަމުންނެވެ. މިހާރު އެމެރިކާ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ މިލިއަނަކާއި ކައިރިކޮށްފައެވެ.

ކޮވިޑްގެ ހާލަތު އެމެރިކާގައި ގޯސްވަމުން ދާއިރު ކޮވިޑް ޓެސްޓް ކިޓް ލިބުމާއި މާސްކް ލިބުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ނަމަވެސް އެމައްސަލަތައް ހައްލު ކުރުމަށް 5.5 މިލިއަން ޓެސްޓް ކިޓަށް އެެމެރިކާ ސަރުކާރުން ވަނީ އޯޑަރު ދީފައެވެ. އަދި 20 މިލިއަން މާސްކް އާއްމުންނަށް ބަހާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގައި ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުންނެވެ. އެމެރިކާ އިން މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ %90 މީހުންނަކީ އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅިޔަނު

    ލިޔެފައިވާ ރޭޓް އާއި ހޯދާ ތަކެތި ނުބައްދަލު ދުވާލަކު 1 މިލިޔަން ޕޮޒިޓިވް ޓެސްޓް ކިޓް ހޯދަން އޯޑަރުކުރީ 5.5 މިލިޔަށް 5 ދުވަސް ފަހުން އަނެއްކާ އައުޓް އޮފް ސްޓޮކް ކާންޓް ބިލީވް ދަރޭޓްސް ވަރަށް ސަލާން

    • ބައިޖަން

      ކޮވިޑާ ދެކޮޅަށް ވާހަކަދައްކާ ސައިންޓިސްތުންނާ ދަކްތަރުންނާ އެހެން ވެސް މީހުންގެ ވާހަކަ ނޫސްތަކަށް ވެސް ނާރަނީ ކަމމެއްވީމަ.