އަފްޣާނިސްތާނުން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާވިދު އަހުމަދު ގައެމް އަށް މުސާރަ ނުދޭތާ ހަ މަސްވެފައިވާ ކަމަށް ވިދާޅުވެ، އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖާވިދު މުސާރަ ނުދޭން ފެށީ އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާން ހަނގުރާމަވެރިން އަތުލި ފަހުންނެވެ. އަދި ސަފީރު ކަމުގެ މަގާމު ދޫކޮށްލެއްވި ކަން އިއުލާން ކުރެއްވީ ޓުވިޓާގައެވެ.

ޖާވިދު ވިދާޅުވީ އެމްބަސީގެ ވަރަށް ގިނަ ބަޔަކަށް މިދިޔަ އޯގަސްޓް މަހުން ފެށިގެން މުސާރަ ނުދޭ ކަމަށެވެ. އެހެންވެ، އެމްބަސީން ވަރަށް ގިނަ މުވައްޒަފުން ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފީރު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގަންނަވާ ތަނެއް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްބަސީ ދޫކުރައްވައި ވަޑައިގަތީ ފަސް ކާރެއް ވެސް އެތަނުގައި ބޭއްވުމަށް ފަހުއެވެ.

މި މައްސަލައިގައި މިހާތަނަށް އައިއިރު ތާލިބާނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖާވިދު ވަޒީފާ ދޫކޮށްލެއްވި އިރު، އޭނާ ވަނީ ސާދާތު ކިޔާ އެމްބަސީގެ ބޭފުޅަކާ އޮފީސް ހިންގެވުމާ ހަވާލު ކުރައްވައިފައެވެ. އަދި އެމްބަސީ އެކައުންޓުގައި މިދިޔަ އަހަރުގެ ނިޔަލަށް އެއް ލައްކަ ޑޮލަރު ހުރި ކަމަށްވެއެވެ.

ޖާވިދު ވަނީ 2019 ވަނަ އަހަރުން ފެށިގެން ސަފީރު ކަން ކުރައްވައިފައެވެ.