ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އިތުރުވެ އެގައުމަށް ދަރާފައިވާ މިންވަރު ބޮޑުކަމުން ދިމާވާ ކަމެއް ކަމަށް މީޑިއާ ބައެއް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ސިންގަޕޫރު ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި ހަމްބަންޓޯޓާ ޕޯޓް ހިމެނޭ ގޮތަށް ލަންކާގައި ހިންގާ މަޝްރޫއުތަކުގައި އިންޓަނޭޝަނަލް ސޮވެރިން ބޮންޑް (އައިއެސްބީއެކްސް) ގެ ދަރަނީގެ ގޮތުގައި އަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް އަދާކުރުމަށް ލަންކާ ވަނީ ނުކުޅެދިފައެވެ. މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ ކަމެއް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ބެލްޓް ރޯޑް އިނީޝިއޭޓިވްގެ ދަށުން ލަންކާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކޮމާޝަލް ލޯނުތައް އިތުރުކުރީ އެއްވެސް ޝަރުތަކާ ނުލައި، އާންމު ގޮތެއްގައި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުންނެވެ.

މީގެ ކުރިން، ލަންކާގެ ދަރަނީގެ ޕެޓާން ތަހުލީލުކޮށް، އދ.ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މެނުފެކްޗަރިން އާއި އިންފްރާސްޓްރަކްޗާ އަށް ދިގު މުއްދަތުގެ ފައިނޭންސް ނުލިބުމުގެ ސަބަބުން އެ ގައުމަށް ގެއްލުންވެފައިވާ ކަމަށެވެ.

ލަންކާ ސަރުކާރުން މައިގަނޑު ގޮތެއްގައި ޗައިނާއަށް ހުރިހާ ބާވަތަކަށް ވެސް ބަރޯސާވާއިރު، ސިންގަޕޫރު ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުން "ފާޓިލައިޒާސް" މައްސަލައިގައި ބަދަލުގެ ގޮތުން ކޯޓުން ބޭރުގައި ސެޓްލްމަންޓެއްގެ ގޮތުގައި ހަތް މިލިއަން ޑޮލަރު ދެއްކުމަށް ޗައިނާއިން ލަންކާ ސަރުކާރަށް ބާރުއެޅިއެވެ.

މި ކާރިސާގެ ސަބަބުން ލަންކާ ސަރުކާރަށް މަޖުބޫރުވީ، ހަޅުތާލު ކުރާ ދަނޑުވެރިންނާއި، ސަރުކާރުގެ މުވައްޒަފުންނާއި ޕެންޝަނަރުން ހިމެނޭ ގޮތަށް އާންމު ރައްޔިތުންނަށް 1.2 ބިލިއަން ޑޮލަރުގެ އާ އިގުތިސޯދީ ރިލީފް ޕެކޭޖެއް އިއުލާން ކުރުމަށެވެ. މިއީ ލަންކާ ސަރުކާރަށް އުނދަގޫ ކަމަކަށްވިއެވެ.

ކިޔުންތެރިންގެ ހިޔާލު