ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ގައިން ފަސް ދުވަހުގެ ކަރަންޓީން މުއްދަތަށް ފަހުވެސް ބަލި ފެތުރިދާނެ ކަމަށް އިނގިރޭސިވިލާތުގެ އާ ދިރާސާއަކުން ދައްކައިފިއެވެ.

އިންގްލެންޑްގެ ޔުނިވާސިޓީ އޮފް އެގްޒެޓަރ މެޑިކަލް ސްކޫލްގެ ދިރާސާކުރާ ފަރާތްތަކުން ބުނީ، ކޮންމެ 10 މީހަކުން އެކަކަކީ ދިހަ ދުވަހުގެ ކަރަންޓީން މުއްދަތަށް ފަހުވެސް އެމީހުންގެ ގައިން ބަލި ފެތުރިދާނެ މީހުން ކަމަށެވެ. އަދި ބައެއް މީހުންގެ ގައިން 68 ދުވަސް ވަންދެން ވެސް ބަލި ފެތުރޭ ކަމަށް ދިރާސާތަކުން އެނގިފައިވެއެވެ.

މި ދިރާސާ އަކީ 2020ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ނަަގާފައިވާ ސުންކުތައް ބޭނުންކޮށްގެން ހެދި ދިރާސާއެކެވެ.

އިންގްލެންޑްގެ ޔުނިވާސިޓީ އޮފް އެގްޒެޓަރ މެޑިކަލް ސްކޫލްގެ ސްޓަޑީ ލީޑަރު ލޯރްނާ ހެރިސް ވިދާޅުވާ ގޮތުގައި، ކޮވިޑަށް ފައްސިވާތާ ފަސް ދުވަސް ފަހުންވެސް، 30 އިންސައްތަ މީހުންގެ ހަށިގަނޑުން ނުރައްކާ މިންވަރަށް ވައިރަސް ހުރިކަން ކުރެވުނު ދިރާސާތަކުން އެނގިފައިވާ ކަމަށެވެ.

މިފަދަ ދިރާސާއެއް އާއްމުކޮށްފައިވާއިރު، ބައެއް ގައުމުތަކުގައި މިހާރު ވަނީ ކަރަންޓީން މުއްދަތު ކުރުކޮށްފައެވެ. މި ކަރަންޓީންގެ މުއްދަތު ކުރުކޮށްފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓް ފެތުރެން ފެށި ފަހުންނެވެ.

އެގޮތުން މިހާރު ބައެއް ގައުމުތަކުގައި 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރުކޮށްފައިވާއިރު، ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ ފައްސިވާ މީހުން ހަތް ދުވަހުން ކަރަންޓީނުން ދޫކޮށްލާ ގޮތަށް ހަދާފައި ވެއެވެ.