ޓޮންގާގައި ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އެމެރިކާ ދިމާލުން އިތުރު ސުނާމީއެއް އުފެދިއްޖެއެވެ.

އެމެރިކާގެ ސުނާމީ ވާނިން ސެންޓަރުން ބުނީ، ސުނާމީގެ ރާޅު އުފެދިފައިވަނީ ހަވާއީ އާއި ދިމާލުން ކަމަށާއި މި ރާޅުގެ އުސްމިނުގައި 1-2 ފުޓޫ ހުރި ކަމަށެވެ.

އަދި ސުނާމީގެ މިސްރާބު ހުރީ އެމެރިކާގެ އައްސޭރި ފަށާއި ދިމާލަށް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އެމެރިކާ އާއި ދިމާލަށް މިސްރާބު ހުރި ސުނާމީގެ ސަބަބުން އެސެންޓަރުން ވަނީ ހަތަރު ސްޓޭތަކުން އެކަމަށް ސަމާލުވާން އަންގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެލިފޯނިއާ، އޮރެގަން، ވޮޝިންޓަން އަދި އަލަސްކާއެވެ.

މި ސުނާމީއާއި ގުޅިގެން ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނީ، ހަވާއީ އަށް ސުނާމީގެ ރާޅުތައް އަރާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސުނާމީގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

ޓޮންގާގައި ގޮވާފައި ވަނީ ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ކަަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީ އަލިފާން ފަރުބަދައެވެ. މި ގޮވުމުގެ ސަބަބުން މިހާރު ޓޮންގާގެ އެކި ސަރަހައްދުތަކަށް ދަނީ ބާރުގަދަ ރާޅުތައް އަރަމުންނެވެ.

އަދި މިވަގުތު އާންމުވެފައިވާ ވީޑީއޯތަކުން ވެސް ފެނިގެން ދަނީ ޓޮންގާގެ އެކި ހިސާބުތަކަށް ބޮޑެތި ރާޅުތައް އަރައި ގެއްލުންވަމުންދާ މަންޒަރެވެ.