ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ޖަޕާނަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޖަޕާނުގެ ބިންހެލުންތަކާއި ސުނާމީއާއި ބެހޭ ސެންޓަރުން ބުނީ، މި ސުނާމީގެ ސަބަބުން އުސްމިނުގައި 3 މީޓަރު ހުންނަ ވަރުގެ ރާޅުތައް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސުނާމީގެ އަސަރު ބޮޑަށް ކުރާނީ އައްސޭރި ފަށާއި ކޯރުތަކުގެ ކައިރީގައި އުޅޭ ފަރާތްތަކަށް ކަމަށެވެ.

ސުނާމީގެ އިންޒާރާއި އެކީ އެގައުމުން ވަނީ އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށް އިލްތިމާސް ކޮށްފައެވެ.

ޓޮންގާގެ ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ކަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އިތުރު ސުނާމީތަކެއް ވެސް ވަނީ އުފެދިފައެވެ. އެގޮތުން ހަވާއީ ސަރަހައްދުގައި އުފެދުނު ސުނާމީގެ ސަބަބުން އެމެރިކާއަށް ވެސް ނުރައްކާ އެބަ އޮތް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.