ޖަޕާނަށް ސުނާމީއެއް އަރައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަޕާނަށް އަރާފައިވާ މި ސުނާމީ އަކީ ޓޮންގާގެ ކަނޑު އަޑީގެ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އަރާފައިވާ ސުނާމީއެކެވެ.

ޖަޕާނަށް ސުނާމީއެއް އަރާފައިވަނީ ޓޮންގާގެ ކަނޑުއަޑީގެ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން އެ އިންޒާރުގައި ބުނެފައިވަނީ ސުނާމީގެ ސަބަބުން އުސްމިނުގައި 3 މީޓަރު ހުންނަ ވަރުގެ ރާޅުތަކުގެ އަސަރު އެގައުމަށް ކުރާނެ ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން މީގެ ކުރިން ޖަޕާނަށް ސުނާމީއެއް ނާރާނެ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އަރާފައިވަނީ އެގައުމުގެ ޓޮހޮކުގެ އައްސޭރިފަށުން ފަށައިގެން އޮކިނަވާގެ އައްސޭރިއާއި ހަމައަށެވެ. މި ސުނާމީގައި ލިބުނު ގެއްލުންތަކެއް އަދި އެނގިފައެއް ނުވެއެވެ.