ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން ޖެހުނު މީހަކު ފުރަތަމަ ފަހަރަށް ތައިލެންޑުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފިއެވެ.

އެގައުމުގެ ސިއްހީ އިދާރާއިން ބުނީ އޮމިކްރޮން ޖެހިގެން މަރުވެފައިވަނީ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސޮންގްޚްލާއަށް ނިސްބަތްވާ 86 އަހަރުގެ އަންހެނެއް ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ރަންގްރޫއެންގް ކިޓްފަޓީ ރޮއިޓާސް ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ އެ އަންހެން މީހާ އަކީ ސިކުނޑިއާއި ހަނދާނަށް ޖެހޭ ބައްޔެއް ކަމަށްވާ އަލްޒައިމާއަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށެވެ.

އިތުރަށް ކިޓްފަޓީ ވިދާޅުވީ, އެގައުމުން މިހާތަނަށް 10،000 މީހުންނަށް އޮމިކްރޮން ވޭރިއެންޓް ޖެހިފައިވާ ކަމަށެވެ. އަދި އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް މީގެ ކުރިން ވެސް ލަފާކުރެވުނު ކަމަށާއި، މި ހާދިސާއާއި ގުޅިގެން އެގައުމުގައި އިތުރަށް ފިޔަވަޅުތައް އަޅަން ނުޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިިއެވެ.

އޮމިކްރޮން ވޭރިއެންޓުގައި ތައިލެންޑުން މީހަކު މަރުވެ، ރިޕޯޓު ކޮށްފައިވަނީ އެގައުމުން އޮމިކްރޮން ވޭރިއެންޓްގެ ވޭދަނަތައް ފެންނަން ފެށުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.