ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ އޮމިކްރޮން ވޭރިއެންޓް ޖެހިގެން ކުޑަކުދިން ހޮސްޕިޓަލުގައި އެނދުމަތިކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނީ، އެމެރިކާ އާއި އިނގިރޭސިވިލާތުގައި ކުޑަކުދިން ހޮސްޕިޓަލްގައި އެނދުމަތިކުރާ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އޮގަސްޓް މަހުން ފެށިގެން މި މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދީފައިވަނީ 5 އަހަރުން ދަށުގެ 160 ކުދިންނަށް ކަމަށެވެ. އަދި ވޭތުވެދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެ އަދަދު 576 އަކަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި މަހު ކުރީކޮޅު ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރު ރޯޝެލް ވަލެންސްކީ ވެސް ވަނީ އެމެރިކާގައި ކޮވިޑް-19 ޖެހިގެން ކުޑަކުދިން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކޮށްފައެވެ.

ސީޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 4 އަހަރުން ދަށުގެ ކޮންމެ 100،000 ކުއްޖެއްގެ ތެރެއިން 4.3 އިންސައްތަ ކުދިންނަށް ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދީފައިވެއެވެ. މީގެ އިތުރުން އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ 100،000 ކުއްޖެއްގެ ތެރެއިން 1.1 އިންސައްތަ ކުދިންނަށް ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދީފައިވާ ކަމަށް ބުނެފައިވެއެވެ.

ސިއްހީ އޮފިޝަލުންނާއި އިދިރާސާތަކުން ދައްކާ ގޮތުގައި އޮމައިކްރޮން ވޭރިއަންޓަކީ ކުރީގެ ވޭރިއަންޓްތަކަށް ވުރެ މާ ނުރައްކާތެރި ވޭރިއަންޓެއް ކަމަށެވެ. އަދި ވެކްސިން ދީފައިވާ މީހުންނަށް އޮމިކްރޮން ވޭރިއަންޓުގައި ބޮޑުވަރުވާ މިންވަރު ޑެލްޓާއަށް ވުރެ ކުޑަ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރު އެންތަނީ ފައުސީ މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވިދާޅުވެފައެވެ.